އައްޑޫ ސިޓިގެ ދަމަނަވެށިން ގެއްލުނު އެ އިދާރާގެ ރަސްމީ ތައްގަނޑު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ހިންގަމުން އަންނަ ދަމަނަވެށީގެ ތައްގަނޑު ގެއްލިފައިވަނީ 2019 ޑިސެންބަރު 26 ވަނަ ދުވަހުއެވެ. މި ތައްގަނޑު ފެނިފައިވަނީ 2020 ޖަނަވަރީ 04 ވަނަ ދުވަހުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ ދަމަނަވެށީގެ ތައްގަނޑު ފެނިފައިވަނީ 2020 ޖަނަވަރީ 04 ވަނަ ދުވަހުގެ 10:30 ހާއިރު ގދ. ކުރިކޭމާހުއްޓާ ކިޔާ ފަޅު ރަށަކުން ކަމަށް، 2020 ޖަނަވަރީ 14 ވަނަ ދުވަހު ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
ދަމަނަވެށިން ވަނީ އެ އިދާރާގެ ތައްގަނޑުގެ އިތުރުން ރަސްމީ ލިޔެކިޔުންތައް ރައްކާކޮށްފައި ހުރި ކޮމްޕިއުޓަރުގެ ސީޕީޔޫ ވެސް ވަގަށް ނަގާފައެވެ. ދަމަނަވެށިން ވައްކަން ކޮށްފައިމިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ބޮޑު އޮޕްރޭޝަންތަކެއް ކުރިޔަށް ގެންގޮސްފައި ވަނިކޮށެވެ.
އެގޮތުން މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަންގައި ވެކްސިން ދިނުމަށް ދެކޮޅު ހެދި ކުޑަކުދިންތަކެއް ވަނީ ދަޢުލަތުގެ ބެލުމުގެ ދަށަށް ނަގާފައެވެ.
މަދުންނަމަވެސް ވެކްސިން ދިނުމަށް ދެކޮޅުހަދާ ބައެއްފަރާތްތައް ފެންނަމުންދާއިރު، ވެކްސިން ނުދޭ ކުދިންނަށް ސްކޫލްތަކަށް ނުވަދެވޭގޮތްވެސް ސަރުކާރުން ވަނީ ހަދާފައެވެ.
ނަމަވެސް ވެކްސިން ނުދީ އައްޑުގައި ކުދިން ވައްދާ ސްކޫލެއް ހުރިކަމަށްބުނެ އެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.




