ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ހެލްމެޓް އަޅައިގެން ތިބެ ބީއެޗްއެމް ޓްރޭޑާސްގެ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ދޫކޮށްލައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލާފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ދެ ކުދިންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދޫކޮށްލާފައި ވަނީ 23 އަހަރުގެ ދެމީހުންނެވެ.
ބީއެޗްއެމްގެ 2.3 މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި އެ ކުންފުނިން ވިދާޅުވީ، އާއްމު އުޞޫލުން އެދުވަހުވެސް ފައިސާ ޖަމާކުރަން ދިޔައީ އަމިއްލަ ސެކިއުރީއާ އެކު ކަމަށެވެ. ނަމަވެސް ފައިސާތައް ފޭރުނީ ބީއެޗްއެމްގެ ފައިސާތައް ހިފައިގެން ތިބި މުވައްޒަފުންގެ މޫނަށް "ކޮންމެވެސް އެއްޗެއް ޖެހުމަށްފަހު" ކަމަށެވެ. ބޮޑަށް ބެލެނީ ޕެޕަރސްޕްރޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
މީގެ ކުރިން ހުޅުމާލޭގައިވެސް މީހެއްގެ މޫނަށް ޕެޕާ ސްޕްރޭ ޖަހައި، ފައިސާތަކެއް ވަނީ ފޭރިގަނެފައެވެ. އެފަހަރު ފައިސާތައް ފޭރިގަނެފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފައިސާތަކެއް ހުޅުމާލޭގައި ހުންނަ އިސްލާމިކް ބޭންކަށް ޖަމާކުރަން ދަނިކޮށެވެ.