2 އަހަރުގެ ތުއްތު ކުއްޖާ ރޭޕްކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ދިރާސާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
މަޖިލީހުގެ މީޑިއާ އޮފިޝަލް މިނޫހަށް ވިދާޅުވީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ދިރާސާކުރެއްވުމަށްފަހު ގޮތެއް ނިންމަވުމާއިއެކު މަޖިލީހުގެ ރައީސަށް އަންގަވާނެކަމާއި އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތަންފީޛު ކުރައްވާނެވާހަކަ ދަންނަވަމެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 3 ވަނަ ކުއްލި ބައްދަލުވުން މިއަދު މެންދުރުފަހު 2:00 ޖަހާއިރު ކުރިޔަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ. ކޮމެޓީގެ އެޖެންޑާގައި އޮތީ 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ދިރާސާ ކުރެއްވުމެވެ.
ރޭގައިވެސް ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ. ރޭ ކޮމެޓީއަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފުގެ އިތުރުން ފުލުހުންނާއި ކަނޑުހުޅުދޫ ކައުންސިލާއިއެކުވެސް ފޯނު މެދުވެރިކޮށް މައުލޫމާތު ސާފު ކުރައްވާފައި ވެއެވެ.



