ބާކީ 3 މެޗު އޮއްވައި މާޒިޔާ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފި އެވެ.
މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދީ ރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކުރި މެޗު 5-1 އިން ކާމިޔާބުކޮށްގެންނެވެ. މިއީ ލީގު ތައާރަފްކުރި ފަހުން މާޒިޔާ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރެވެ.
މާޒިޔާއިން ލީގު ކާމިޔާބުކުރީ މިހާތަނަށް ކުޅުނު 18 މެޗުން ހަމަކުރި 48 ޕޮއިންޓާ އެކު އެވެ. އެ ޓީމާއި ދެން އެންމެ ގާތުން ވާދަކުރާ ޓީސީއަށް ލިބިފައި ވަނީ 17 މެޗު ކުޅެގެން 34 ޕޮއިންޓެވެ. ޓީސީ އަށް ބާކީ އޮތީ 4 މެޗެވެ. މި 4 މެޗުން ޓީސީ މޮޅިވިޔަސް ލިބޭނީ 46 ޕޮއިންޓެވެ.
މާޒިޔާގެ ފަސް ލަނޑުގެ ތެރެއިން 2 ލަނޑު އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) ޖެހިއިރު ހަމްޒާ މުހައްމަދު (ހަމްޕް) ވެސް ވަނީ 2 ލަނޑު ޖަހާފައެވެ. މާޒިޔާއަށް ދެން ލަނޑު ޖަހައިދިނީ ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ. ގްރީން ސްޓްރީޓްސް ގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމެއިރެވެ.
މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދިއިރު އެޓީމުން ވަނީ މި ސީޒަނަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އަނެއްކޮޅުން މި މަހު ނިމުނު ޓްރާންސްފާ ބާޒާރުގައި މާޒިޔާއިން ވަނީ ބިދޭސީ ކުޅުންތެރިން ގެނެސް އަންނަ މަހު ފަށާ އޭއެފްސީ ކޮލިފައިން ބުރަށް ޓީމު އިތުރަށް ވަރުގަދަކޮށްފަ އެވެ. މާޒިޔާ އިން ޕްރިމިއާ ލީގު އެންމެ ފަހުން ކާމިޔާބުކުރީ 2016 ވަނަ އަހަރު އެވެ.



