ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ އިދާރީ ވެރިން އެއްބާރުލުންދިނުމަކީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް މުސްތަޤްބަލުގައި އަވަސް ކުރުމަށް ލިބުނު ބާރެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ޖިންސީގޯނާ ކުރުމާގުޅޭ ގޮތުން ކޯޓަށް ހުށައެޅިފައިވާ މައްސަލަތަށް ލަސްވުމަށް ދިމާވާ ސަބަބު ދެނަގަތުމަށާއި މިފަދަ މައްސަލަތަށް ބާރުސުޕީޑުގައި ގެންދިއަމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ މަޝްވަރާ ބައްދަލުވުން 19 ޖަނަވަރީ 2010 ދުވަހުގެ ރޭ 21:30 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ބޭއްވިފައިވާކަމުގައެވެ.
މި ބައްދަލުވުމުގައި ކޯޓުތަކަށް މިފަދަ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދާއި، މައްސަލަތައް ނުނިމި ހުރި ޢަދަދު އަދި ނުނިމި ހުރި ސަބަބުތަކާ ގުޅޭގޮތުން ކޮމިޝަނުން ވަނީ މަޢުލޫމާތު ސާފުކޮށްފައެވެ. މައްސަލަތައް އަވަސްވާނޭ ފަދަ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިމާޒެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުޢީ ދާއިރާގެ ތެރޭގައި ޤާއިމު ކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމުގައި އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޖޭއެސްސީގެ ނޫސްބަޔާނެއްގައި އިތުރަށް ވިދާޅުވީ، އެ ނިންމުމާ އެއްގޮތަށް މިފަދަ މައްސަލަތައް އަވަހަށް ނިންމުމަށް ހިންގުމާ ގުޅޭ އެންމެހާ އިންތިޒާމުތައް ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކުރިޔަށް ގެންދެވޭނެ އިންތިޒާމް ކޮމިޝަނުން ހަމަޖައްސާނެކަމުގައެވެ.




