ކޮމިޝަނަރު އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް މަޤާމުން ވަކިކޮށްފިއެވެ.
ސީޕީ މުނާޒް މަޤާމުން ވަކިކޮށްފައިވާކަން އިތުބާރުހުރި މަސްދަރަކުން މިނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ޕްރިޒަންސް ކޮމިޝަނަރުގެ މަޤާމަށް އައު ބޭފުޅަކު، ރައީސް ޞޯލިޙް އައްޔަން ކުރައްވާނެއެވެ.
ސީޕީ މުނާޒު މަޤާމުން ވަކިކޮށްފައި މިވަނީ ޖަލުގައި ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެ، އެ ހަމަނުޖެހުންތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ބަދަލުގައި އޮޅުވާލާފައިވަނިކޮށް، މީޑިއާތަކުން އެކަންކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއާއިއެކު ޖަލުތަކުގެ ހާލަތު ދަށްވެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ސީޕީ މުނާޒު މިއަދު މަޤާމުން ވަކިކުރެއްވިއިރު، ސަރުކާރު ކުންފުނިތަކުގެ ވެރިންނަށްވެސް މިއަދު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.




