ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމި މިންމެވުން ބަދަލުކޮށް އަލުން ރިވިއު ކުރަން ހުށައެޅުމަށް ނިންމައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިއަދު ވިދާޅުވެފައިވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު މަޞްލަޙަތަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ.
ސަރުކާރުން ވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާދޭން ނިންމަވާފައެވެ. ދީބާޖާއަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމަވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެފަރާތާއެކު ހަދާފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާޠިލް ކުރި މައްސަލާގައެވެ.
މި މައްސަލާގައި އެފަރާތަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދަޢުލަތުގެ މައްޗަށް ވަނީ ހުކުމްވެސް ކޮށްފައެވެ. ނަމަވެސް ސެޓްލްމަންޓް ކޮމެޓީން ވަނީ މިހުކުމާއި ގުޅިގެން އެކުންފުންޏާއެކު މަޝްވަރާކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ދޭ ގޮތަށް ކޯޓުން ބޭރުގައި އެއްބަސްވެފައެވެ.
ސަރުކާރުގެ މިނިންމުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ދީބާޖާ ނޫން އެހެން ބައެއް ފަރާތްތަކަށްވެސް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުން ފައިސާ ދީފައެވެ.



