ސިނަމާލެ ބުރިޖު ވިއުއިން ޕްލެޓްފޯމާއެކު ތަރަށްޤީކުރި ނަމަވެސް މާލޭ ރިންގް ރޯޑް ތަރަށްޤީކުރަން ނެގި "ޗާޓައިމް" ގެ ބަދަލުގެ ގޮތުގައި 14،493،427ރ (ސާދަ މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަތަރު ސަތޭކަ ހަތާވީސް ރުފިޔާ) ދޭންޖެހޭކަމަށް ނުބެލެވޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ކެފޭ އެތަނުން ނެގުމަށްޓަކައި ބަދަލުގެ ގޮތުގައި ފައިސާދިނުމާ ގުޅޭގޮތުން އޭސީސީން ދޭންޖެހޭނެ ފައިސާއެއްކަމަށް ނުބެލެވޭތީ އެކަން މިނިސްޓްރީ އޮފް ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރއަށް 20 ފެބުރުވަރީ 2019 ގައި އަންގާފައިވާ ކަމަށެވެ.
އޭސީސީން ވިދާޅުވީ، އެ މައްސަލައިގައި ނާޖާއިޒު ފައިދާތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ބެލެވޭތީ އެމައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންދާ ކަމަށެވެ.
"ބްރިޖް ވިއުއިން ޕްލެޓްފޯމު ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮށްފައިނުވާއިރު އެކަމާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް ނާޅައި އަދި އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާގޮތުގެމަތިން ދައްކަމުންނުދާތީ އެއްބަސްވުން ބާތިލްކުރުމުގެ އިޚްތިޔާރުގެ އޮވެ، އެކަމާގުޅޭގޮތުން އެއްވެސް ފިޔަވަޅެއް ނާޅައި، ޗާޓައިމް ހިންގި ޢިމާރާތް ނަގަންޖެހުމާގުޅިގެން އެކަމުގެ ބަދަލުގައިކަމަށްބުނެ، ބްރިޖް ވިއުއިން ޕްލެޓްފޯމް ތަރައްޤީކުރުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަމަށް ބެލެވޭތީއާއި ޗާޓައިމް ހިންގި ޢިމާރާތް ނަގަން ޖެހުމުންކަމަށްބުނެ އެފަރާތަށް ދޭންނުޖެހޭ ފައިސާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މި މައްސަލަ މިކޮމިޝަނުން މިގެންދަނީ އިތުރަށް ތަޙްޤީޤުކުރުމުން" އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީން ވިދާޅުވީ، ޗާޓައިމް ޢިމާރާތުގެ ބަދަލުގެ ގޮތުގައި ދޭނެ ޢަދަދު ކަނޑައަޅާފައިވަނީ ޢިމާރާތުގެ އަގުމަގުކޮށް ވެލުއޭޝަނެއް ހަދައިގެން ނޫންކަމަށެވެ.
"ބަދަލުގެ ގޮތުގައި ދޭނެ ޢަދަދު ކަނޑައަޅާފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚާހަމައަށް ރެވެނިއުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ޢަދަދުން ނެޓް ޕްރޮފިޓް (ސާފު ފައިދާ) ގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ ޢަދަދުތަކަށް ބަލައިގެންކަމަށްވާއިރު، މިއީ ގެއްލުމުގެ ބަދަލު ހޯދުމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލެއް ނޫން." އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އޭސީސީން ވިދާޅުވީ، އެއްވެސް ޙާލެއްގައި ޢިމާރާތަށް ބަދަލެއް ދޭންޖެހިއްޖެނަމަވެސް، ޢިމާރާތް ހެދުމަށް ދިޔަ ޚަރަދު ފިޔަވައި އެހެން ޚަރަދެއް ދޭންޖެހޭނެކަމަށް ޤަބޫލުނުކުރެއްވޭ ކަމަށެވެ.
ހިޔާލު
ޢަނެއްކާ ނިއުޕޯޓު މިދެން ކިހާބޮޑު އުދަގުލެއް. ތިވާހަކަ ދެއިރު ދަޅަޔަށް ތި އާކުރަނީ ކޯއްޗެއް ހާސިލްކުރަންތަ އަޅެފަހެ!! ނިއުޕޯޓް ހުސްކުރަން ބޭނުންނަމަ ކޯޓު އަމުރު ހިފައިގެން ގޮސް ހުސްކޮއްބަލަ! ކޮންމެ ނޫހެއް ބަލާލިޔަސް ޕޯޓް ޕޯޓް. ރުޅިގަދަވޭ ހުވާ މިބުނީ މިރޯދަ މަހުގަ ކޯއްޗެއް ތަ ތިލިޔަނީ؟؟
ކޮމެންޓް ކުރުން ބަންދު