މިދަނޑިވަޅުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ކުރަންޖެހޭ ކޮންމެ ކަމެއްގައި ބައިވެރިވެ އެއްބާރުލު ދޭނެ ކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.
ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ ދިވެއްސެއް ރޭ ރާއްޖެއިން ފެނިފައިވަނިކޮށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހަކީ ސިއްޙީ ގޮތުން ވަރަށް ނުރައްކާތެރި ވައިރަހެއްކަން ދުނިޔޭގެ ޞިއްޙީ ޖަމްޢިއްޔާތަކުންވެސް ވަނީ ފާހަގަކޮށްފައިވާކަމަށާއި އަދި މިއީ ދުނިޔޭގެ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގެ ގޮތުގައި ޑަބްލިއު.އެޗް.އޯއިން ވެސް އިޢުލާނު ކުރައްވާފައިވާ ދުވަސް ވަރެއްކަމަށެވެ.
"މިފަދަ ނުރައްކާތެރި ބައްޔަކަށް ޝައްކު ކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވާ އިރު، އެ ބައްޔާ ބެހޭ ގޮތުން އާންމު ރައްޔިތުން ހޭލުންތެރި ކުރުވާ، އެބައްޔާ ބެހޭ ގޮތުން ލިބިދޭން ޖެހޭ ފުރިހަމަ މަޢުލޫމާތުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން" ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މިބައްޔާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާ، ފަސޭހައިން މިބައްޔަށް ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖައްސަވާ، ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން
ދެއްވުމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލައްވާފައެވެ. އަދި ވަމުންދާ ގޮތުންގެ މަޢުލޫމާތުތައް އެއްވެސް މިންވަރަކަށް ފޮރުވުމެއް ނެތި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދިއުމަށްވެސް އިދިކޯޅުން ވަނީ ގޮވާލައްވާފައެވެ.
މިބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔަކަށް ވާއިރު، ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު އަންހެނުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި، އަދިވެސް، ބަލިތައް ފަސޭހައިން ޖެހިދާނެ ކަމަށް ބެލެވޭ ހާލަތުގައި ތިބި އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާ، ސްކޫލްތަކާއި ޢާންމުން ގިނައިން އެއްވެއުޅޭ ތަންތަނުގެ ރައްކާތެރިކަމަށް އިސްކަން ދެއްވުމަށްވެސް މި ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.
މީގެ އިތުރުން މިފަދަ ގައިންގައަށް އަރާ ބޮޑެތި ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި، ޞިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ތިއްބެވުމަށް އެ ކޯލިޝަނުން ވަނީ ނަޞޭހަތްތެރިވެފައެވެ.
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެކޯލިޝަނުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށްވާތީ، މިދަނޑިވަޅުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ކުރަންޖެހޭ ކޮންމެ ކަމެއްގައި އެކޯލިޝަންގެ ބައިވެރިވުމާއި އެއްބާރުލުން ލިބޭނެކަމަށެވެ.




