ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ޝަރުއީ ކޯޓު ތަކާއި ދައުލަތުގެ ބައެއް މުއައްސަސާ ތަކުގެ އިހުމާލު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
"މިދިޔަ މަހެއްހާ ދުވަސް އަޅުގަނޑުމެން މި ހޭދަކުރީ، ވަރަށް ހިތްދަތި އިޙްސާސްތަކެއްގެ ތެރޭގައި. ޢުމުރުން އެންމެ ދެ އަހަރުނުވާ މަޢުޞޫމް ތުއްތު އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިޙްސާސްތައް" ރައީސް ޞޯލިހު ވިދާޅުވިއެވެ.
މިކަމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބަކީ ތުހުމަތުކުރެވޭ ބައެއް މީހުންނާ، ޢަދުލު އިންޞާފު އަރައި ހަމަނުކުރުން ކަމަށާއި އަދި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ދަޢުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަތައްވެސް ނުނިމި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އިހުމާލުގެ ސަބަބުން، މިފަދަ މައްސަލަތައް ނުނިމި ދިގުލައިގެންދާ ކޮންމެ ހިނދުކޮޅަކީ، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެ، އެކުދިންނަށް ގޯނާކުރާ ފަރާތްތަކަށް ލިބޭ ހިތްވަރެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.




