ނުރުހުންވިއަސް (2)

(ފުރަތަމަ އަދަދާއި ގުޅޭ)

ކޮންފަރެންސް ހޯލުގެ ދޮރު ހުޅުވާލާފައި ހިނިތުންވުމަކާއި އެކުގައި ވަދެގެން އައި ނަޝާގެ ހިނިތުންވުން ގެއްލި ހުރި ފިޔަވަޅު މައްޗަށް ހުއްޓުން އެރިއެވެ. އެ ފިރިހެން މީހާ ފެނުމުންނެވެ. އެފިރިހެން މީހާއަށް ނަޝާއަށް ބަލާލެވުނެވެ. އަމިއްލަ ދެލޮލަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވޭ ހާލުގައެވެ.

"ނަޝާ"

"ނޫޒަން"

ދެމީހުންނަށްވެސް ހިތާ ހިތުން އެކަކު އަނެކަކުގެ ނަން ކިޔާލެވުނެވެ.

ވަދެގެން ގޮސް އިށީނުމުގެ ބަދަލުގައި ނަޝާ އަނބުރައި ނުކުމެގެން ހިނގައިގަތެވެ. ނަޝާގެ ފަހަތުން އެ ފިރިހެން މީހާވެސް ހިނގައިގަތެވެ.

"ނަޝާ މަޑުކޮށްބަލަ"  އެމީހާ އެހެން ބުނީ ނަޝާގެ ފަހަތުން ގޮސް ކެބިންއަށް ވަންނަމުންނެވެ.

"ކޮންމެހެން އަހަރެންގެ ނަން ކިޔަން ހަދާނެކަމެއް ނެތް؟ ފާރިޝް ކީއްކުރަން މިތަނަށް ތިއައީ؟ އަދިވެސް އަހަރެންގެ ފަހަތުން ނެއްޓޭކަށް ނުވޭތަ؟ ކިތަށް އަހަރު ވެއްޖެ؟ އަދިވެސް؟ އަހަންނަށް ކޮންއިރަކު ފާރިޝްގެ ފަރާތުން ސަލާމަތްވެވޭނީ؟ ކިހާ ދެރަކަމެއް! އަހަރެންގެ ދިރިއުޅުމުން ދުރަށް ދޭބަލަ" ތަނެއް ދޮރެއް ބެލުމެއްނެތި ނަޝާ ފަތިވަރު ދަމާލިއެވެ.

"ނަޝާ ހަމަޖެހިބަލަ. ކާކުތަ ބުނީ އަހަރެން ނަޝާގެ ފަހަތުން ނުނެއްޓިގެން އުޅެނީއޭ. ހަތް އަހަރުވެގެން ދިޔަ އިރު އަހަރެން އައިންތަ ނަޝާއަށް އުނދަގޫ ކުރަން؟ ދުވަހަކުވެސް ނަޝާއަށް ގުޅާވެސް ލިންތަ؟ އެހެން ނޫނަސް މިހާ ދުވަސް ވީއިރުގައިވެސް ތި ރުޅިގަނޑު މައިތިރި ނުވޭތަ؟ ތި ރުޅިގަނޑު މައިތިރިވާކަށް ނުވޭތަ؟ ކިހާ ދުވަހެއް ވަންދެން ތި ރުޅިގަނޑު ހިތުގެ ތެރޭގައި ބައްކޮށްގެން އުޅޭނީ؟" ފާރިޝް މަޑުމައިތިރިކަމާއި އެކުގައި ނަޝާއާއި ދިމާއަށް ފިޔަވަޅު ނަގަމުން ދިޔައެވެ.

"ކޮންމެހެން އަހަންނާއި ދިމާއަށް އަންނަން ހަދާނެ ކަމެއް ނެތް. މާ ވާހަކަ ރަނގަޅުވެގެން.  ތިކަހަލަ މީހުން ދުވަހަކުވެސް ރަނގަޅެއް ނުވާނެ. ތިކަލަ މީހުންނަށް ބަދަލުވާން ކިތަންމެ ރަނގަޅު ފުރުސަތެއް ލިބުނަސް ކޮޅުފައިން ޖަހާނީ. އަހަންނަށް ތި ފާރިޝް އޮޅިފައެއް ނެތޭ. މުޅި މާލޭއިން ފާރިޝްއަށް އެނގުނީ މި ކުންފުނި ހިޔާރުކުރަން؟ ހަމަ އަހަރެން މަސައްކަތް ކުރާތަން؟ ދެން ބުނޭ މިއީ ތަގުދީރޭ. އެހެންނު ވާނީ. މިއީ ތިކަހަލަ މީހުން ކުޅޭ ޑްރާމާއެއް ވިއްޔާ." އަދިވެސް ނަޝާ ރުޅިގަނޑު މައިތިރިވާގޮތެއް ނުވެއެވެ.

"ނަޝާ ހީކުރަނީ އަހަރެން މިއުޅެނީ މޮޔަވެގެން ކަމަށްތަ؟ ނަޝާ ކުރާހާ ހުރިހާކަމެއް ބަލަން؟ ނަޝާގެ ފަހަތުން ނުނެއްޓިގެން އުޅެން. ދެން ބުނަން ޖެހޭނީ އަހަރެންނާއި އަހަރެންގެ ދުނިޔެ އެނބުރެނީ ނަޝާ ވަށައިގެންނެއް ނޫނޭ. އަދި ބުނަންތަ؟ ނަޝާއަށް ފާރަލައިގެން އުޅޭވަރަށް ވުރެ މިހާރު އަހަރެން ބިޒީ. ތިހިރީ ނަޝާ ވަދެގެން އައި ދޮރު. ބޭނުމިއްޔާ ހަމަ ނުކުމެގެންދާންވީ. އަހަރެންނެއް ނަޝާއެއް ނުހުއްޓުވާނަން. އެކަމަކު ކަނުލާ އަޑުއަހާ. އެއްވެސް މީހަކަށްޓަކައި އަހަރެން މިހާރު ވިޔަފާރި ދުލެއް ނުކުރާނަން. އެހެންވީމައި ހީނުކުރާތި ނަޝާ ފެނުނީމަ އަހަރެން ދެރަވެގެން ހުރިހާ ކަމެއް ހުއްޓާލާފައި އަތުން ފައިން ޓާޓާ ކިޔަމުން ފިލާނެޔޭ." ފާރިޝްއައިސް ނަޝާއާއި ގާތުގައި މަޑުކޮށްލިއެވެ. އަދި ނަޝާގެ މޫނާއި މޫނު ގާތްކޮށްލިއެވެ. ނަޝާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.

"އަހަރެން ކީއްވެގެން ދާންވީ؟ ދަންޏާ މިތަނުން ދާންޖެހޭނީ ފާރިޝް" ނަޝާ އަދިވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ.

"އަހަންނެއް ނުދާނަން. ނަޝާއަށް އަހަރެން މިތާނގައި އުޅޭތީ ކެތްކުރަން ދަތި ވަންޏާ ހަމަދާންވީ. އަހަރެންނެއް ނަޝާ ނުހުއްޓުވާނަން. ވެދާނެ ނަޝާ ހީކުރަނީ ކަންނޭނގެ އެއްތަނެއްގައި މަސައްކަތް ކުރަން ޖެހުނީމައި ތި ހިތުގައި ވަޅުލާފައި ހުރި އިހްސާސްތަށް އަނެއްކާވެސް ދިރި އާލާވެދާނެއޭ. އެކަމަކު އެއީ ކުށްހީއެއް" މިހެން ބުނެލަމުން ފާރިޝް ނަޝާއާއި ދުރަށް ޖެހިލާ ހިނގައިގަތެވެ.

ނަޝާއަށް ހުރެވުނީއެވެ. ހުރި ފިޔަވަޅުމަތީގައެވެ. ހަދާނެ ގޮތެއް ދާނެ ދިމާލެއް ނޭނގިފައެވެ. ނަޝާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ. ނަމަވެސް އަތުގެ ނުފުށުން ދެލޯ ފުހެލުމަށްފަހުގައި ފުންނޭވާއެއް ލިއެވެ.
" އޭނައާއި ހުރެ އަހަންނަށް އެއްވެސް އަސަރެއް ނުކުރާނެ. ހީވަނީދޯ ލައްކައެއްހެން" ނަޝާ ދެއަތް މުއްކަވާލުމަށްފަހުގައި ހިނގައިގަތެވެ.

އެއީ މީގެ އެތަށް އަހަރެއް ކުރިއެވެ. އެންމެ ފުރަތަމަ ނަޝާއާއި ފާރިޝް ދިމާވީ ރެސްޓޯރެންޓަކުންނެވެ. ނަޝާ ފެނުނު އެންމެ ފުރަތަމަ ދުވަހުވެސް ފާރިޝްގެ ހިތް ދޫވެގެން ދިޔަކަހަލައެވެ. އެތަށް ދުވަހަކު ނަޝާއަށް މުގޯލި އެޅިފަހުން ނަޝާ އަނގައިން ބުނުން ވެގެން ދިޔައީ ފާރިޝްއަށް ލިބުނު ބޮޑު ހިތްވަރަކަށެވެ. އަނގައިން ބުނި ނަމަވެސް ނަޝާ ހުރީ ފާރިޝްއާއި ލޯބީގެ ގޮތުން ގުޅުމަށް ތައްޔާރަކަށް ނޫނެވެ. އެހެން ކަމުން ނަޝާގެ ލޯބި ހޯދުން ވެގެން ދިޔައީ ފާރިޝްއަށް ނުހަނު އުނދަގޫވި ކަމަކަށެވެ.

"ރިޔާ! ރިޔާ!" ނަޝާ އަޑުގެ ކޮޅަށް ގޮވަމުން ގޮސް ކޮންފަރެންސް ރޫމުގެ ދޮރުމައްޗަށް ހުއްޓުނެވެ.

"ކިހިނެއްވީ؟" ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރިޔާ ހުއްޓުނީ ނަޝާ ކައިރީގައެވެ.

"ކިހިނެއްހޭވީ؟ " ނަޝާ ހުރީ ހުރިހާ ކަމެއްގެ ރުޅި ރިޔާއަށް ބާލަން ތައްޔާރަށެވެ.

"ތީނަ ފާރިޝް ސެޓު ކުރަންވީއެއްނު؟ ބަލަ. އެންމެންވެސް އެތިބީ މަށަށް މަށަށް ކިޔާލަ ކިޔާލަ ވިއްޔާ. އެހެރަ ހަށިގަނޑެއް. ގޮއްސަ އޮޅުލައިގަންނަ ހިތްވަނީ" ރިޔާ ފާރިޝްއަށް ބަލަން ހުރެފައި ބުނެލިއެވެ.

"ހޫން. ވަރަށް ރިއްޗެއްނު. މަގޭ ހިތަށް އަރާ ރިޔާއަށް މީހުން ރީތިވަނީ ކިހިނެއްބާއޭ. އެހެން ނޫނަސް އެވާހަކައެއް ނޫނޭ. ކީއްވެގެން އަހަރެން ކައިރީ ކުރިން ނުބުނީ ކޮންބައެއްކަން މިއަދު އަންނަނީ؟" ފާރިޝްއާއި ދިމާއަށް މޫނު ކުނިކޮށްލަމުން ނަޝާ ފަތިވަރު ދަމަން ފެށިއެވެ.

"ކިހނެއްވީ؟ މާ ބޮޑަށް ކަމުދަނީތަ؟ ނޫނީ ކުރިން ދަންނަ މީހެއްތަ؟" ރިޔާ ދިމާކޮށްލިއެވެ.

"މި ޑީލް ކެންސަލް ކުރެވޭނެ ގޮތެއް ނެތްތަ؟ މިދިޔަ ހުރިހާ އަހަރެއްގައިވެސް އަހަރުމެން ދެމީހުންނެއްނު މިތަން ހިންގީ. ދެންވެސް ހިންގޭނެއެއްނު؟" ނަޝާއަށް އަދިވެސް ބެލެނީ ފާރިޝްއަށެވެ.

"އެއަށް ހިންގުމޭ ކިޔާތަ؟ މީހުންނަށް މުސާރަ ދެވެނީ އެހާ ހާލުން. ނަޝާވެސް މުސާރައެއް ނުނަގާ. އެއަކަށް ހިންގުމެކޭ ނުކިޔާނެދޯ؟" ރިޔާ އެއްވެސް ގޮތަކަށް ނަޝާ ދައްކާ ވާހަކައަކަށް އެއްބަހެއް ނުވިއެވެ.

***

މުޅި ދުވަހު ބޭރުގައި އުޅުމަށް ފަހުގައި ފާރިޝްގޮސް ވަނީ ގެއަށެވެ. ކިތަންމެ ބޮޑުކޮށް ރީތިކޮށް ހަދާފައިވީ ގެއެއް ނަމަވެސް އޭނާއަށް އެގެއިން ހިތްހަމަޖެހުމެއް ނުއެއް ލިބެއެވެ. އަބަދުވެސް ކޮންމެވެސް ކަމެއް މަދުވެ އުނިވާކަމުގެ އިހްސާސް ކުރެވެނީއެވެ. މީހުންގެ ތެރޭގައި އުޅެފައި ގެއަށް އައުމުން އެކަނިވެރިކަން އިހްސާސް ކުރެވެނީއެވެ.

އެނދުމަތީގައި އިށިނދެލައި ޖީބުން ވޮލެޓްނަގާ ބަލާލިއެވެ. އޭގައިވި ނަޝާގެ ފޮޓޯއަށެވެ. ދުވަހަކުވެސް ނަޝާގެ ހިތުގައި އޭނާއަށްޓަކައި ވީ ނަފްރަތު ފިލައިގެން ނުދާނެކަން ހާމަވުމުން ކަންބޮޑުވެފައެވެ.

"ނަޝާ! އަޅެދެން މިހާރު ތި ރުޅިގަނޑު ދޫކޮށްލާފައި އަހަންނާއި ހެޔޮ ހިތުންވާހަކަ ދައްކާލަން ކިހިނެއްވާނެ. ހަމަ އެންމެ ފަހަރަކު. އަހަރެން ދުވަހަކުވެސް އޭރަށް ނަޝާގެ ކުރިމައްޗަކަށް ނާރާނަން. ހަމަ އެންމެ ފަހަރަކު"  ފާރިޝްގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭނާގެ ކޯތާފަތް މައްޗަށް ވެއްޓެމުން ދިޔައެވެ. ނަމަވެސް މިއަދު އެ ކަރުނަ ފޮހެދޭކަށް އެންމެ ހިތްއެދޭ ބައިވެރިޔާއެއް ނެތެވެ.

އެތަށް މަސައްކަތެއް ކޮށްގެން ހޯދި ބައިވެރިޔާ ބީވެގެން ދިޔައީ އަމިއްލައަށް އެޅުނު ޅައެއްޗެއްގެ ސަބަބުންނެވެ. އެހެންކަމުން އެކަމަށް ކުށްވެރި ކުރެވޭނެ މީހަކުވެސް ނެތެވެ.

އަނެއްކޮޅުން ނަޝާވެސް ގެއަށްގޮސް ވަނީއްސުރެ އެނދަށްއަރާ އޮވެ ރޮނީއެވެ. އެއީ ނަޝާ އުއްމީދު ކުރިގޮތެއް ނޫނެވެ. ނަޝާ ހީކުރީ ދުވަހެއްގެ ކޮޅުންވެސް ފާރިޝް ފެނިއްޖެ ނަމަ ކެރިގެން އޭނާއާއި ކުރިމަތި ލާށެވެ. ބިރުން ނުވަތަ ދެރަވެގެން ފިލަން ނުދުވާނެ ކަމަށް އަމިއްލަ ނަފްސަށް އެތަށް ދުވަހަކު އެތަށް ވައުދެއް ވީނަމަވެސް ކަންތައް ވެގެން ދިޔަގޮތުން މާޔޫސްވެފައެވެ.


އިންތިހާއަށް ލޯބިދިނުމަށް ފަހުގައި ބޭވަފާތެރިވީ ފާރިޝްއެވެ. ނަޝާއެއް ނޫނެވެ. އެއްވެސް ކަމަކުން ކަމަކާއި ނުލާ ނަޝާގެ ހިތަށް އެތަށް ގުނައަކަށް އަނިޔާ ދިނީ ފާރިޝްއެވެ. ކިތަންމެ ފަހަރަކު އެގޮތަށް ފާރިޝް ކަންތައް ކުރީ ކީއްވެގެންތޯ އަހަން ބޭނުންވި ނަމަވެސް އެކަމަށް އަދިއަދަށް ދާންދެންވެސް ނަޝާ ނުކުޅެދިފައިވިއެވެ.

ނަމަވެސް މިއަދު އަނެއްކާވެސް ދެމީހުން އެއްތަނަކުން ބައްދަލުވީއެވެ. ނަޝާއަށް ފިލަން ދުވެވޭކަށްނެތެވެ. ނުވިތާކަށް ފާރިޝްއާއި ދިމާއަށް ދެވޭކަށްވެސް ނެތެވެ. ހަޔާތުގައި ކުއްލިއަކަށް ތަހައްމަލް ކުރުމަށް ދަތި އުނދަގޫ ދުވަސްތަކެއް އަންނަން އުޅޭކަން ދެމީހުންނަށްވެސް އެނގެއެވެ. ނަޝާ އިންތިހާއަށް ފާރިޝްއަށް ނަފްރަތު ކުރެއެވެ. ދުވަހަކުވެސް ފާރިޝްއަށް މައާފް ކުރަން ބޭނުން ނުވާ ހާލުގައެވެ. ނަމަވެސް އަނެއްކޮޅުން ފާރިޝް ބޭނުންވަމުން އައީ ނަޝާގެ ހިތުގައި އޭނާއަށް އޮތް ނަފްރަތު ފިލުވާލުމަށެވެ. ވާނީ ކިހިނެއް ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

ނުނިމޭ

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ