ނުރުހުންވިއަސް (5)

(ހަތަރުވަނަ އަދަދާއި ގުޅޭ)

ނަޝާ ބޭނުންވަނީ އޭނާގެ ދިރިއުޅުމުން ފާރިޝް ނެރެލާށެވެ. ދުވަހަކުވެސް ފާރިޝް ދެކުމަކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އެންމެ މަސްދުވަހެއް އެކުގައި ހޭދަކުރުމަށްފަހުގައި ފާރިޝް އޭނާގެ ހަޔާތުން ދުރަށް ފޮނުވާލެވޭނެ ނަމަ ފޮނުވާލަން ނަޝާ ހުރީ ތައްޔާރަށެވެ. ނަމަވެސް ނަޝާއަށް ނޭނގުނީ އެއްމަސް ދުވަހުގެ ތެރޭގައި ދިރިއުޅުން ބަދަލު ވެގެން ގޮސްދާނެ ކަމެވެ. ޖެހެމުން އައި އޮޔާއި ވައިގެ މިސްރާބު ބަދަލު ވެދާނެ ކަމެވެ..

ނިންމި ނިންމުމެއްގެ ސަބަބުން ދެމީހުންގެ ދެމެދުގައި ނެގިފައިވި އުސްފާރު މަޑުމަޑުން ތިރިވަމުން ދިޔައެވެ. ފަހަރަކު ގާބުރިއަކުން ވެއްޓި އެކަކު އަނެކަކުގެ ހިތަށް ބާރުފޯރުވޭ ވަރުވަމުން ދިޔައެވެ.

އެކަކު އަނެކަކަށް ގުޅައިގެން ހޭދަކުރެވޭ ވަގުތުތަށް ގިނަވަމުން ދިޔައެވެ. އެކަކު އަނެކަކާއި ވާހަކަ ދައްކަމުން ދާ ކޮންމެ ވަގުތެއްގައި ވަށައިގެން ވަމުންދާ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތި ހިނިތުންވެފައި ތިބެވެންފެށުނެވެ. ފޯނުކޯލުތަކުން ކޮފީމޭޒުތަށް ދޮށުންނެވެ. ދެން މަޑުމަޑުން ދުއްވާލަންށެވެ. އެއްގަޑިއިރުގެ ދުއްވާލުންތަށް ދިގުވެ ތިންހަތަރު ގަޑިއިރަށްވެސް ވަނީއެވެ. އަނެއްކޮޅުން ގެއަށް ދިޔުމަށްފަހުގައި އަނެއްކާވެސް އެކަކު އަނެކަކަށް މެސެޖުކޮށް ވާހަކަ ދެއްކުމުގައެވެ.

ހިތި މާޒީއެއް ދެމީހުންގެ ދޭތެރޭގައި ވީކަމެއް މިހާރު ދެމީހުންކުރެ އެކަކުވެސް ހަނދާނެއްނެތެވެ. ހަނދާނުގައި ހުންނަނީ ހަމައެކަނި އެކަކު އަނެކަކުގެ ނަމެވެ. ދެކެވޭ ވާހަކަތަކެވެ. ފާރިޝްގެ ހިތުގައި އަދިވެސް ނަޝާ ރަނިކަން ކުރަމުންދެއެވެ. ނަމަވެސް އުމުރުގައި ދެން ނަޝާއަށް އުފާވެރިކަމެއް ހޯދާދެވޭނެ މާގިނަ ދުވަހެއް ނެތްކަން އެނގޭހާލު ނަޝާއަށް އެކަން އަންގަން އޭނާ ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން ފާރިޝް ފެންނަ ކޮންމެ ވަގުތެއްގައި ހިތުގެ ވިންދު އަވަސްވެ ނޭވާ ކުރުވެ ބުނެދޭން ނޭނގޭ ކިތަންމެ ގޮތެއް ނަޝާއަށް އަންނަނީ ވަމުންނެވެ. ނަޝާއަށް އެއީ އައު އިހުސާސްތަކެއް ނޫނެވެ. އެއީ މީގެ ކުރިންވެސް ފާރިޝްއަށްޓަކައި އޭނާގެ ހިތުގައި ލޯބި އުފެދުނު އިރުގައި ކަންތައްވީގޮތެވެ.

"މިރޭ މިއީ ބޮޑު ރެއެއްނު؟ ނަޝާ އަހަންނަށް މައާފްކޮށްފިންތަ މިހާރު؟" ބޮލުގައި ރިއްސާވަރުން ކެތްނުކުރެވިގެން ހޮސްޕިޓަލަށްދާންވެގެން ނައްޓާލި ފާރިޝް ފޯނުން ވާހަކަ ދެއްކީ ނަޝާއާއެވެ.

"ފާރިޝް ހީކުރަނީ ދެތިން ފަހަރު ހީލާފައި ލޯބިން ވާހަކަ ދައްކާލީމަ ހުރިހާ ކަމެއް ހައްލުވާނެ ކަމަށްތަ؟ މައާފް ކުރެވޭނެކަމަށްތަ؟" ހިނިގަނޑު ހިންދާލަމުން ނަޝާ ސަމާސާ ކޮށްލީ ބޭރަށްދާން ތައްޔާރުވެގެން ފައިވާނަށް އަރަމުންނެވެ.

"އޭގެ މާނައަކީ ނަޝާއަށް އަދިވެސް އަހަންނަށް މައާފެއް ނުކުރެވެއޭތަ؟"  މަގުގެ އެއް އަރިމައްޗަކަށް ސައިކަލު މަޑުކޮށްލަމުން ފާރިޝް އަހާލީ ހައިރާންވެ ހުރެގެންނެވެ.

"އާނ. މައާފަކީ ފާރިޝް ހީކުރާހާ ފަސޭހައިން ދެވޭނެ އެއްޗެއް ނޫން" އަނގަ މަތީގައި އަތްއަޅާ ހީލަމުން އަނެއްކާވެސް ނަޝާ ސަމާސާކޮށްލިއެވެ. އެކަމެއް ނޭނގިހުރެ ފާރިޝް ހާސްވެ ކަންތައް ބޮޑުވަމުންދިޔައެވެ.

"އަހަރެން އެބަދަން ނަޝާ ބަލާ. ތިރިއަށް ފައިބަބަލަ" ތަނެއް ދޮރެއް ބެލުމެއް ނެތި ފާރިޝް ސައިކަލު ދުއްވާފައި ދިޔައީ ކޮންމެ ގޮތެއްވެސް ހެޔޮކަމަށް ނިންމައިގެންނެވެ. މަރުވާނީ އެއްފަހަރުއޭ ބުނާފަދަ ގޮތަކަށެވެ.

ފާރިޝް ގެއާއި ގާތްކޮށްލިއިރުގައި ނަޝާހުރީ ތިރިއަށް ފައިބައެވެ. ލަސްތަކެއް ނުވެ ސައިކަލަށް އެރުމާއި އެކުގައި ފާރިޝް ސައިކަލު ދުއްވާލިއެވެ. މަގުގެ ވަކި ހިސާބަކަށް މަޑުކޮށްފައި ހެލްމެޓް ނަޝާއަށް ދިއްކޮށްލިއެވެ. އަނގައިން ބުނުމެއްނެތި ނަޝާ ހެލްމެޓުނަގާ އަޅާލިއެވެ. އެއާއި އެކުގައި ދުންޖަހާފައި ފާރިޝް ދުއްވާލިއެވެ. ބޭއިހްތިޔާރުގައި ނަޝާއަށް ފާރިޝްގެ ގައިގާ ހިފަހައްޓާލެވުނެވެ. ބައްދާލެވުނެވެ. ޖެހެމުން ދިޔަ ވަޔާއި އެކުގައި ފާރިޝްގެ ގަމީހުން ދުވަމުން ދިޔަ ސެންޓުވަސް ނަޝާގެ ނޭފަތުގައި ޖެހިލާ ކޮންމެ ވަގުތެއްގައި ފުން ނޭވާއެއް އެތެރެއަށް ދަމާލައެވެ. އެ ވަސްމީރުކަމުންނެވެ. އެވަގުތު އެގޮތުގައި ހުއްޓޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

ދެމީހުންގެ ދެމެދަށް ވެރިވެފައި ވީ ހަމަހިމޭންކަން އެގޮތުގައި ދެމިއޮތެވެ. ސައިކަލު މަޑުކޮށްލުމާއި އެކުގައި ނަޝާ މަޑުމަޑުން ހިނގައިގަތީ އަތިރި މައްޗަށެވެ. ސައިކަލު ޕާކުކޮށްފައި ފާރިޝްވެސް ހިނގައިގަތީއެވެ. ނަޝާގެ ފަހަތުންނެވެ. މަޑުމަޑުން ލަސް ފިޔަވަޅުތަކެއް ނަގަމުންނެވެ. ނަޝާގެ ކޮންމެ ހަރަކާތަކަށް ކޮންމެ ފިޔަވަޅަކަށް ފަރުވާތެރިކަމާއި އެކުގައި ބަލަމުންނެވެ.

"ނަޝާ. އަހަރެން ކޮން ކަމެއް ކޮށްދިނީމަ އަހަންނަށް މައާފްކޮށްދޭނީ؟ އަހަންނަށް އެހާ ވަގުތެއް ނެތްކަން އެނގޭނަމަވެސް ހަމަ މައާފެއް ނުކުރާނަންތަ؟ އަހަރެން ނަޝާގެ ފަރާތުން އެހެން އެއްވެސް ކަމަކަށް ނޭދޭނަމޭ. އަހަނަންނަށް މައާފު އެކަންޏޭ ބޭނުމީ." ފާރިޝް ހިތާއި ހިތުން ކިޔާލިއެވެ. އަދި އަތުގެ ނުފުށުން ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލިއެވެ. އަދި މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވާލިއެވެ. އެއަށްފަހުގައި ނަޝާގެ ފަހަތުން ދުއްވައިގަތެވެ.

"ނަޝާ މަޑުކޮށްބަލަ. އަހަރެންވެސް ގޮވައިގެންދޭބަލަ" ނަޝާއާއި އަރާ ހަމަކޮށްލަމުން ފާރިޝް މާނޭވާއެއް ލިއެވެ.

"އަހަންނަށް މައާފްކޮށްބަލަ ދެންވެސް. މިހިރަ ނޭވާ ނުލެވިގެން މަރުވަނީ ވިއްޔާ" ފާރިޝް މަޖަލަކަށް ހަދަމުން ހާމަ ކުރީ ހަގީގަތެވެ.

"މަރުވިއްޔާ މަރުވީ. މައާފެއް ލިބުމެއް ނެތް.  ފާރިޝް ކުރި ކަންތަކަށް ދުވަހަކުވެސް މައާފެއް ލިބުމެއް ނެތް" ލާނެތް ހިނިގަނޑެއް ޖަހާލަމުން ނަޝާއަށް ބުނެލެވުނީއެހާވަރަށެވެ. ފެނުނީ ކުއްލިއަކަށް ހޭ ހުސްވެގެން ފާރިޝް ވެއްޓުނު ތަނެވެ. ހުރެވުނީ ކޮންތަނަކު ކަމެއް، ހެދުނީ ކޮން ގޮތެއްކަމެއް ނަޝާއަކަށް ނޭނގުނެވެ. ތެޅިގަނެވުނީ އެއެއް މިއެއް ބެލުމެއް ނެތިއެވެ.

ހާސްވިލެއް ބޮޑުކަމުން ނަޝާވެސް ދާހިއްލާ ފޯވިއެވެ. ވާނުވާއެއް ނޭނގޭހާލު އެންބިއުލާންސްއިން ބާލުވައިގެން ގެންގޮސް އެމެޖެންސީއަށް ފާރިޝް ވެއްދިއިރުގައިވެސް އޭނާއަށް ހުރެވުނީ ދެލޯ ކަރުނުން ތެމި ފޯވާ ހާލުގައެވެ. ހިތް ނެގިނެގިފައި މޭގެ ތެރޭގައި އޮވެގެން ޖެހެނީއެވެ.  

"ފާރިޝްއަށް ކިހިނެއްވީ؟" ދުރުގައި ބަލަން ނުހުރެވިގެންގޮސް ނަޝާ އަހާލިއެވެ. އޭރުވެސް އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.

"ވެގެން އުޅޭ ގޮތެއް ބަލަން ޓެސްޓުތަށް ހަދަމުން މިހާރު މިދަނީ. އިރުކޮޅަކުން ޑޮކްޓަރުވެސް މިކޮޅަށް އަންނާނެ. އައިމަ ހުރިހާ ކަމެއްވެސް ކިޔާދޭނެ." އަވަސްއަރުވާލާފައި ދަމުން އެ ނަރުސްކުއްޖާ ބުނެލިއެވެ. އެ ޖަވާބުގެ ސަބަބުން ހިތަށް ފިނިކަމެއް ނުލިބުނު ނަމަވެސް ހޮސްޕިޓަލުގައި ވަނިކޮށް އިތުރަށް ކަމެއް ގޯސްނުވާނެ ކަމަށް ނަޝާ އުއްމީދު ކުރިއެވެ. ނަމަވެސް އެ އުއްމީދުގެ ހުޅުކޮޅު ނިވެންވެސް މާގިނަވަގުތެއް ނުނެގިއެވެ.

ގިނަ ނަރުހުންތަކާއި ޑޮކްޓަރުންތަކެއް ފާރިޝް ވަށައިގެން އެއްވިއެވެ. މުޅި ގަޔަށް ކަށިތަށް ގުޅައި މޫނުގައި މާސްކު އެޅުވުނެވެ. މަދު ވަގުތު ކޮޅެއްގެ ތެރޭގައި މޫނުމަތީގައިވި ހިނިތުންވުން ގެއްލި މާޔޫސްވެވުނެވެ. ނަޝާގެ ލޯ ކުރިމަތީގައި ހާލުގައި އޮތް ފާރިޝް ފެނުމުން ހިތަށް ކުޅަދާނަ ނުވާވަރަށް ވޭން އަޅަމުންދިޔައެވެ. މާޒީގައި ދެމީހުން އެކުގައި ހޭދަކޮށްފައިވި ހުރިހާ އުފާވެރި ވަގުތެއް ލޯ ކުރިމައްޗަށް ސިފަވަމުން ދިޔައެވެ. ލޯބިން މުޅި އުމުރަށް އެކުގައި އުޅުމަށް ވީ ވައުދުތަކާއި އަހުދުތަށް އެކުގައިހެން މުޅި ވިސްނުމާއި ފިކުރު ފުރާލިއެވެ. އަމިއްލަ އެއްވެސް ބާރެއްނެތި ފުރަތަމަ ކަރުނަތިކި އެލޮލުން ވެއްޓުނެވެ. އެއަށްފަހު ފަހަރަކު ތިއްކަކުން ތިއްކަކުން އެ ކޯތާފަތްމަތި ތެންމަން ފެށިއެވެ.

ދުވަމުން ދުވަމުން ކަހަލަ ގޮތަކަށް އައިސް ކައިރާ އެމެޖަންސީރޫމަށް ވަނީ ހާސްވެފައި ހުރެގެންނެވެ. ނަރުހުންނާއި ޑޮކްޓަރުންނަށް ކަންތައްކުރަންވީ ގޮތް ކިޔާދެމުން އަވަސްއަވަހަށް ފާރިޝް އައިސީޔޫއަށް ބަދަލު ކުރެވުނެވެ. ވެގެން އުޅޭ ގޮތެއް ނޭނގުނުނަމަވެސް ކައިރާއަކީ ޑޮކްޓަރެއްކަމާއި ފާރިޝްގެ ހާލު ސީރިއަސްކަން ނަޝާއަށް އެނގުނެވެ.

"ފާރިޝްއަށް ކިހިނެއްވީ؟" ފާރިޝްގެ އެނދު ދަމާފައި ނެރެން ފެށުމުން ނަޝާއަށް ނުހުރެވުނެވެ. ނަމަވެސް އެ ސުވާލަށް އެވަގުތު ޖަވާބު ދެވޭވަރަށްވުރެ ނަރުސްކުދިންތިބީ އަވަސްކުރަން ޖެހިފައެވެ.

އަންނާށޭ ބުނާފަދައިން އެއް ނަރުހަކު އިޝާރާތް ކޮށްލިއެވެ. އަވަސް ފިޔަވަޅު ތަކެއް އަޅަމުން ނަޝާ އެމީހުންގެ ފަހަތުން ހިނގައިގަތެވެ. ފާރިޝް ގެންގޮސް ވެއްދުނީ އައިސީޔޫއަށެވެ. ނަޝާ ބޭރުގައި ހުރީއެވެ. އެތެރެއަށް ވަދެވޭނެ އެއްވެސް ގޮތެއްވެސް ނެތީމައެވެ.

"ފާރިޝްއަށް އެނގޭނެ ފާރިޝްގެ ހާލު ވަރަށް ސީރިއަސްކަން. އެތަށް ފަހަރަކު ބުނިން އެޑްމިޓްވާން އަންނާށޭ. އެކަމަކު އެކަމަށް އެއްބަހެއ ނުވޭ. މިއަދު ފާރިޝް އޮތް ހާލަތުން ހިއެއް ނުވޭ ދެން ފާރިޝްއަށް.. " ކައިރާގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

"ކީކޭ ކިޔަން ތިއުޅެނީ؟" ނަޝާގެ ހިތްއަވަސްވެ ބިރުގަންނަން ފެށުނެވެ. މީހާވެސް ތުރުތުރު އަޅަން ފެށިއެވެ.

"ފާރިޝްއަށް އެނގޭނެ ފާރިޝް ދިރިހުންނަން އޮތީ މަދު ވަގުތުކޮޅެއްކަން. އެކަމަކުވެސް.. ފާރިޝްގެ ބޮލުގަ ޓިއުމަރެއް އިންކަން އަހަރުމެންނަށް އެނގުނު އިރުގައި ވަގުތު ފާއިތު ވެއްޖެ. އެކަމަކު އަހަރުމެން މަސައްކަތް ކުރީ ފާރިޝްއަށް އަޅަމުން ދިޔަ ވޭން ކުޑަކުރުމަށް. ކޮންމެ ވާހަކައެއް ދެއްކިއަސް އެޑްމިޓްވާން އޭނަ ތައްޔާރެއް ނުވި. ތިމަންނަ މިހާރު އުޅެނީ ވަރަށް އުފަލުގައޭ ކިޔާފައި" ކައިރާ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިފެހެއްޓޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ.

ނަޝާއަށް ހުރެވުނީއެވެ. ބަސް ހުއްޓިފައެވެ. އެނގި ހާމަވެގެން ދިޔަ ހަގީގަތުގެ ސަބަބުން ދެން ބުނަން ވީ ކީކޭ ކަމެއް ނޭނގޭ ހާލުގައެވެ. އެވަރުގެ ބޮޑު ކަމެއް ފާރިޝް އޭނާއަށް ސިއްރު ކުރުމުން ހިތްދަތިވެފައެވެ. ކައިރާ ދެއްކިވާހަކައަކުން ހިތަށް ބިރުވެރިކަން ވަދެފައެވެ. ވެދާނެ ކަމެއްގެ ސަބަބުން ނޭވާ ހިފަހައްޓާލައިގެންނެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ