ދިވެހިރާއްޖެ އަންނަން ބުކިން ހައްދާ ފަތުރުވެރިންގެ ބުކިން ކެންސަލް ނުކޮށް، އެހެން ތާރީހަކަށް ފަސްކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިދުވަސްވަރު ރާއްޖެ އައުމަށް ފަތުރުވެރިން ހައްދާ ބުކިން، އިތުރު ފީއަކާއި ނުލައި ފަސްކޮށްދެމުންދާކަމަށެވެ.
އަދި އެއާލައިން ތަކުންނާއި، ރިސޯޓް ތަކުންވެސް އެއްވެސް އިތުރު އަގަކާ ނުލައި، ފަތުރުވެރިންނަށް އެމީހުންގެ ބުކިންގެ ތާރީޚު ބަދަލު ކޮށްދެމުންދާނެކަން ޔަޤީންކުރާކަމަށާއި، މިކަމުގެ ސަބަބުން ޓުއަރިޒަމް ސިނާއަތަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ސަބަބުން ޗައިނާއަށް ދަތުރުކުރާ ގިނަ އެއަރލައިންތަން ވަނީ މެދުކަނޑާލާފައެވެ. އިތުރަށް ވައިރަސް ފެތުރަ ނުދިނުމަށް ދަތުރުކުރުން މަޑު ޖައްސާލަން ޖަމްޢިއްޔާތަކުންވަނީ ގޮވާލާފައެވެ.
އަނެއްކޮޅުން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ބޮޑު ބައެއް ޗައިނާއިން ކަވަރުކުރާއިރު، ރާއްޖެއާއި ޗައިނާއާދެމެދު ވަނީ ޑައިރެކްޓް ދަތުރުތައް ވަގުތީގޮތުން މެދު ކަނޑާލާފައެވެ. އަދި ޗައިނާ މީހުން ރާއްޖެއަށް ވަނުންވެސްވަނީ މަނާކޮށްފައެވެ.
މިދަނޑިވަޅުގައި ރާއްޖޭގެ އިޤްތިސާދަށް ބޮޑު ލޮޅު އަންނާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާއިރު، އިޤުތިސޯދީ ވަޅުގަނޑުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުން ބުނާގޮތުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ ބުކިން ވަނީ ކެންސަލްކޮށްފައެވެ.



