މާޗު އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ގޭބީސީތަކުން ބޭނުންކުރާ ކަރަންޓުގެ އަގު ހެޔޮކޮށްދެވިފައި ވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާން ކުރައްވައިފިއެވެ.
ސަރުކާރަށް 100 ދުވަސް ހަމަވުން ފާހަގަކުރުމުގެ ގޮތުން ރައީސް އޮފީހުގައި ވަޒީރުންނާއެކު ބާއްވަމުންދާ ބައްދަލުވުމެއްގައި ރައީސް ޞޯލިޙް ވިދާޅުވީ، ކަރަންޓްގެ އަގު ހެޔޮކުރިއިރު ވަރަށް ބޮޑުތަން ހެޔޮކޮށްދެއްވާފައިވާނެ ކަމަށެވެ.
ކަރަންޓުގެ އަގަށް ގެންނެވި ހެޔޮ ބަދަލާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިސާލަކަށް 4600ރ. ކުރިން ކަރަންޓު ބިލަށް ދައްކަމުން އަންނަ ގެތަކުން މިހާރު ދައްކާނީ 3400ރ. ކަމަށެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކަރަންޓުގެ އަގު ހެޔޮކޮށްފައި ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގެ ޑޮމެސްޓިކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަކަށް ނަގާ އަގުގެ ފަރަގު ނައްތާލަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ޞާލިހް އިއުލާން ކުރެއްވި ކަރަންޓް އަގުހެޔޮ ކުރުމުގެ ވައުދުގެ ފައިދާ ކުރާނީ ގިނައިން ކަރަންޓް ބޭނުންކުރާ މުއްސަނދިންނާއި ވިޔަފާރިވެރިންނަށެވެ.