ނުރުހުންވިއަސް (3)

(ފުރަތަމަ އަދަދާއި ގުޅޭ)

މިއަދު އަނެއްކާވެސް ދެމީހުން އެއްތަނަކުން ބައްދަލުވީއެވެ. ނަޝާއަށް ފިލަން ދުވެވޭކަށްނެތެވެ. ނުވިތާކަށް ފާރިޝްއާއި ދިމާއަށް ދެވޭކަށްވެސް ނެތެވެ. ހަޔާތުގައި ކުއްލިއަކަށް ތަހައްމަލް ކުރުމަށް ދަތި އުނދަގޫ ދުވަސްތަކެއް އަންނަން އުޅޭކަން ދެމީހުންނަށްވެސް އެނގެއެވެ. ނަޝާ އިންތިހާއަށް ފާރިޝްއަށް ނަފްރަތު ކުރެއެވެ. ދުވަހަކުވެސް ފާރިޝްއަށް މައާފް ކުރަން ބޭނުން ނުވާ ހާލުގައެވެ. ނަމަވެސް އަނެއްކޮޅުން ފާރިޝް ބޭނުންވަމުން އައީ ނަޝާގެ ހިތުގައި އޭނާއަށް އޮތް ނަފްރަތު ފިލުވާލުމަށެވެ. ވާނީ ކިހިނެއް ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

***

ދުވަހަކަށް ފަހު ދުވަހެއް މާޒީގެ ތެރެއަށް ވަންނަމުން ދިޔައެވެ. ނަޝާއާއި ފާރިޝް ދިމާވާ ކޮންމެ ވަގުތެއްގައި ނަޝާގެ ބަސްތަކުން ފާރިޝްގެ ހިތް ޒަހަމު ކުރަމުން ގެންދެއެވެ. މީހުންގެ ތެރޭގައި އެކަކު އަނެކަކަށް އެއްޗެއް ނުބުނި ނަމަވެސް އަބަދު އެ ދެމީހުން ތިބެނީ ޒުވާބު ކުރުމަށް ތައްޔާރަށެވެ. ހަމައެކަނި ނަޝާއެއް ނޫނެވެ. ފާރިޝްވެސް ނަޝާ ބުނާ ކޮންމެ އެއްޗަކަށް ރައްދުދެމުން ގެންދިޔައެވެ. އެފަދައިން ވިޔަސް ނަޝާ ގާތުގައި ހުރުމަށް ބޭނުން ވާތީއެވެ.

އެއީވެސް އެފަދަ ދުވަހެކެވެ. އެންމެންވެސް މަސައްކަތް ކުރަމުން ދިޔައީ ހޭބޯނާރައެވެ. ބޮޑު ކައިވެނި ހަފްލާއަކަށް ތައްޔާރުވުމުގައެވެ. އެ މަސައްކަތުގައި އެންމެން އުޅޭތާ މިހާރު ދެދުވަސް ވީއެވެ. ކުރެވެމުން ދިޔައީ އެންމެ ފަހުގެ މަސައްކަތްތަކެވެ. ހުރިހާ ކަމެއް ބަލާ ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ނަޝާގެ ބޮލުގެ ތެރޭގައި ކަމެއް އުޅެމުން ދިޔަކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އެކަކަށްވެސް ނަޝާ ގާތުގައި ސުވާލު ކުރާކަށް ނުކެރުނެވެ.

ދުރުދުރުން ހުރިހާ ކަމެއް ބަލަމުން ގެންދިޔަ ފާރިޝްއަށްވެސް މިކަން ފާހަގަ ވިއެވެ. އަދިވެގެން އުޅޭގޮތްވެސް އެނގުނެވެ. އަނެއްކާވެސް ދާން މަޖުބޫރުވާނީ އެއްކަލަ މާޒީގެ ތެރެއަށެވެ. ނަޝާގެ ހިތް ހޯދުމުގައި އެތަކެއް ދުވަސްތަކެއް ހޭދަކުރުމަށްފަހުގައި ނަޝާގެ ލޯބި ފާރިޝްއަށް ލިބުނެވެ. ދެމީހުން އެކުއެކީގައި އަބަދުހެން އުޅެން ފެށިއެވެ. ނިދުމަށް ނޫންގޮތަކަށް އެކަކު އަނެކަކާއި ދުރެއް ނުވެއެވެ. އެންމެ ކުދި ކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައްތަކާއި ޖެހެންދެންވެސް ދެމީހުން އެކުގައި ވިއެވެ.

ކައިވެނީގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ފާރިޝްއެވެ. ފުރަތަމަ ނަޝާ ދެކޮޅު ހެދިނަމަވެސް ފަހުން ކައިވެންޏަށްވެސް އެއްބަސްވިއެވެ. ނަޝާ ބޭނުންވީ ފައިސާ އެއްކޮށްގެން ބޮޑު ޕާޓީއެއް ބާއްވާށެވެ. ނަޝާ އަބަދުވެސް އަމިއްލަ ކައިވެނި ޕާޓީ އިންތިޒާމް ކުރަން ބޭނުންވެ އެވާހަކަ ދައްކާހެދިއެވެ. ތޮންވެލި ތުނޑިއެއްގައި މާމެލާމެލިން ޖަރީކޮށްފައިވާ މާހައުލެއްގައި ހިތްގައިމު ކަން މަތީގައި އެކަން ކުރުމަށް ނަޝާ އެތަށް ފަހަރަކު އެދުނެވެ. ނަމަވެސް އޭރު ދެމީހުންގެ މާލީ ހާލަތު ހުރިގޮތުން އެކަން ކުރުމަށް ނުކުޅެދުނެވެ. ފާރިޝް ބޭނުންވެފައި ހުރި ވަރުން އަވަހަށް ކައިވެނި ކުރީ ފުރަތަމަ ކައިވެންޏަށް ދެކެމުން އައި ހުވަފެންތައް ސީދާ ނުވި ނަމަވެސް އުފަލުންތިބއެވެ. އެހެންކަމުން މިއަދު އެފަދަ ކައިވެންޏެއް ފެނުމުން ނަޝާގެ ހިތަށް އުނދަގޫވަނީއެވެ.

"ނަޝާ ހާދަ ބޮޑު ވިސްނުމެއްގައި؟ އަހަރެން މިހާރު ކިތަށް ފަހަރު ބުނެފިން ތި ހުރިހާ ހިޔާލު ތަކަކުން ދުރަށް ދެވޭނެއޭ މީހަކާ ގުޅިގެން އުޅުނީމައެއްނު؟ ބަލަ އެހެރަ ފުރިހަމަ ކަމެއް. އަހަރެންގެ ފިރިއެއް ނެތްނަމަ މިހާރު މިކަން ކޮށްފާނަން. " ދުރުގައި ހުރި ފާރިޝްއަށް ކަޅިއަޅަމުން ރިޔާ ދިމާކޮށްލިއެވެ.

"އެއްކަލަ ރިޔާ. ކުރާނެ ކަމެއް ނެތިގެންތަ ތިއުޅެނީ؟ ދުނިޔެއިން މީހުން ހުސްވިޔަސް އަހަންނެއް ބޭނުމެއް ނޫން އޭނައާއި ވައިވެސް އެޅޭކަށް. މީހާގެ ބުރުސޫރައަށް ބަލާފައި ހެޔޮނުވާނެ މީހަކާއި އެކުގައި އުޅެން ނިންމަން. މިޒަމާން މިއީ ލޯބިން އެކީގައި އުޅެފައިވެސް އަނިޔާ ދިނުމަށް ފަހުގައި ފިލާ މީހުން އުޅޭ ޒަމާނެއް. އަދި ތިހެން ފެންނަހާ މީހަކަށް އަހަރެން އިތުބާރެއް ނުކުރާނަން" ނަޝާ ގަދަކޮށްލިއެވެ.

"އަހަރެންނަށް ހާދަ ހީވެއޭ ތިހެން ކިޔަ ކިޔާފައި އެންމެ ފަހުން ހުރިހާ ކަމެއް ބަދަލުވެދާނެހެން. ނަފްރަތަކީ ލޯބީގެ ފެށުމޭ މީހުން ކިޔާ އުޅޭ. ހަމަ ބުނެލީ އިނގޭ" ރިޔާ އަދިވެސް ބޭނުންވީ ނަޝާއާއި ދިމާކުރާށެވެ.

"ބައެއް ފަހަރު ލޯތްބަކީ ނަފްރަތުގެވެސް ފެށުން" ނަޝާއަށް ބަލާލެވުނީ ފާރިޝްއަށެވެ.

ނަޝާ އިންތިހާއަށް ފާރިޝްދެކެ ލޯބިވިއެވެ. ކޮންމެ ކަމެއްވެސް އުނިކަމެއް ނުވާ ގޮތެއްގެ މަތިން ކޮށްދެމުން އައެވެ. ހުރިހާވެސް މައްސަލައެއް ޖެހުނީ ނަޝާ އިތުރަށް ކިޔަވަން ރާއްޖެއިން ބޭރަށް ދިޔުމަށް އެދުނު ފަހުންނެވެ. ދެމީހުންގެ ދޭތެރޭގައި ހިޔާލު ތަފާތުވުންޔަށް އުފެދި ދެބަސްވުންތަށް ގިނަވެ ބަހުގެ ހޫނު ހަމަލާތަށް ބަދަލު ކުރެވެން ފެށުނެވެ. އެކަކު އަނެކަކު ކޮށްދޭ ރަނގަޅު ކަންތައްތައްވެސް ބަލައިގަންނަ ގޮތެއް ނުވިއެވެ. އެކަކު އަނެކަކާއި ދުރުގައި ގިނަވަގުތުތަށް ހޭދަކުރެވެން ފެށުނެވެ.

ފިރިމީހާއާއި އަބަދު ޒުވާބު ކުރަން ބޭނުން ނޫންކަމަށް ނިންމާ އޮފީގުގައި ހުރެފައި އެދުވަހު ކުރިން ގެއަށް ނަޝާ ދިޔައީ ފާރިޝްގެ ކިބައިން މައާފަށް އެދުމަށެވެ. ނަމަވެސް ލޮލަށްފެނުނު މަންޒަރުން ހިތްހަލާކު ވެގެން ދިޔައެވެ. އެ ދެމަފިރިންގެ ކޮޓަރީގައި ފާރިޝްއެހެން އަންހެނަކަށް ލޯބި ކުރަމުން ދިޔަ މަންޒަރު ފެނި ނަޝާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ހަޅޭއްލަވައި ގަތުމުގެ ބަދަލުގައި ގެއިން ނުކުމެގެން ދިޔައީއެވެ. ބޭރުގައި އުޅުމަށް ފަހުގައި އެރޭ ގެއަށް ދިޔަ ވަގުތު ފާރިޝް އުޅުނު ނަމަވެސް ނަޝާ ވާހަކަ ދެއްކުމަކަށް ބޭނުމެއް ނުވިއެވެ. ފޮއްޓަށް ބައެއް ހެދުންތަށް އަޅައިގެން ގެއިން ނުކުންނަން ހިނގައިގަތުމުން ފާރިޝް އޭނަ މަޑުކުރުވަން މަސައްކަތް ކުރިއެވެ.

"އަހަރެން ނެތަސް ފާރިޝްއަށް މަދުވާނެ ކަމެއް ނެތް. ދެން އަހަރުމެން ދެމީހުންގެ ކޮޓަރިވެސް ފާރިޝްއަށް. މިއަދު އަހަންނަށް ފެނުނު މަންޒަރަށް ފަހުގައި އެންމެ ސިކުންތަކަށްވެސް އަހަރެން ބޭނުމެއް ނޫން ފާރިޝްގެ އަންތްބެއްގެ ގޮތުގައި ހުންނާކަށް" އެއީ ނަޝާގެ ނިންމުމެވެ. ފާރިޝްއަށް ނަޝާގެ އަތުން ދޫކޮށްލެވުނެވެ. ދޫކޮށްލި ގޮތަށް ދެން އެއަތުގައި ހިފުމުގެ ނަސީބެއް ލިބޭގޮތެއް ނުވިއެވެ.

ކައިވެންޏެއް ނިމިގެން ދިޔައީ އިތުރު ސުވާލެއްވެސް ކުރުމެއް ނެތިއެވެ. ފުރުސަތެއްވެސް ދިނުމެއް ނެތިއެވެ. ނަތިޖާއަކަށްވީ އިސްވެ އާދޭސް ކުރުމަށް ފާރިޝް ޖެހިލުންވުމެވެ. ކޮންމެ ގޮތެއް ވިޔަސް ކުށް ކުރެވުނީ ފާރިޝްއަށް ވިއްޔާއެވެ.

"ނަޝާ!" ދުރުގައި ހުރި ފާރިޝް ދުވެފައި ގޮސް ނަޝާ އަތުގައި ހިފާ ދަމައިގަތެވެ. ގަހެއްގައި ހަރުކޮށްފައިވީ ބޮޑު ހޮޅިބުރިއެއް ވެއްޓި ޖެހުނީ ބިންމަތީގައެވެ. ފާރިޝް ނަޝާ ސަލާމަތް ނުކުރިނަމަ ނަޝާއަށް ބޮޑު އަނިޔާއެއް ލިބުނީހެވެ. ނަމަވެސް ނަޝާ ގާތަށް ދެންވެސް އައީ ރުޅިއެވެ.

"އަހަރެންގެ ގައިގާ އަތްނުލާ. އަހަރެން ބޭނުމެއް ނޫން ފާރިޝްގެ ތި މުޑުދާރު އަތުން އަހަރެންގެ ގައިގާ އަތްލާކަށް. ފާރިޝް އަހަރެން ސަލާމަތް ކުރުމަށްވުރެ އަހަންނަށް ރަނގަޅު އޭގެން އަނިޔާއެއް ލިބިގެން ގޮސް ހޮސްޕިޓަލުގައި އޮންނަންވެސް" ނަޝާގެ އަޑު ބާރެވެ. ވަށައިގެން ތިބި އެންމެންވެސް ބަލަމުން ދިޔައީ އެދެމީހުންނަށެވެ. ފާރިޝް ވަށައިގެން ބަލާލުމަށްފަހު ނަޝާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

"ނަޝާގެ މައްސަލައަކީ ކޮބާތަ؟ އެތާނގަ ނަޝާ ނޫން އެހެން މީހަކު ހުރި ނަމަވެސް އަހަރެން ކަންތައް ކުރާނީ ހަމައެހެން. ކޮންމެހެން ނަޝާވެގެން ކުރިކަމެއް ނޫނޭ އެއީކީ. އެހެން ނޫނަސް ނަޝާ ހަނދާން ކޮށްބަލަ. މިތަނުގައި އަހަންނަކީ ނަޝާއަށްވުރެ އިސް މީހެއްކަން؟ މީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ވެއްޓުމުގެ އެއްވެސް ބޭނުމެއް ނެތެއްނު؟ އަހަންނާއި ކުރިމަތި ލާން ނަޝާއަށް އުނދަގޫ ވަންޏާމުން އެންމެ ރަނގަޅޭ މަސައްކަތަށް ނަޔަސް. ކޮންމެ މަހެއްގެވެސް މުސާރައާއި އިނާޔަތްތަށް އެކައުންޓަށް ފޮނުވަދީފާނަމޭ" މިފަހަރު ފާރިޝްގެވެސް އަޑު ގަވަވިއެވެ.

"ފާރިޝް ހީކުރަނީތަ އަހަރެން މިއުޅެނީ މޮޔަވެގެން ކަމަށްތަ؟ މަސައްކަތް ނުކޮށް މުސާރަ ނަގާށޭ؟ އަހަރެންގެ ކަންތައްތަކާއި ގޮތް ނިންމުމުގެ ހައްގެއް މިހާރު ފާރިޝްއަކަށް ނޯންނާނެ. އަހަންނަކަށް ނުޖެހޭނެ މިހާރު ފާރިޝް ބުނާހާ ކަމެއް ކުރާކަށް. ފާރިޝް މާ މާތް މީހަކަށް ހެދިގެން މިހާރު ތިއުޅެނީ ކޮން ބޭނުމެއްގައި؟ ކޮން އެދުމެއް އޮވެގެން؟" ނަޝާ އަޑު ބާރުކޮށްލިއެވެ.

"އަހަރެން ބޭނުންވާ ކަންތައްދޯ" އެހެން ބުނެލަމުން ފާރިޝް ނަޝާގެ އުނަގަނޑުގައި ހިފާ ގަޔާއި ގާތްކޮށްލިއެވެ. އަދި ނަޝާގެ ލޮލަށް ބަލާލިއެވެ. ނަޝާހުރީ  ފާރިޝްއަށް ބަލާށެވެ. ދެލޯ ބޮޑުވެފައެވެ. ނޭވާ އަވަސްވެފައެވެ. ފާރިޝް އޭނާގެ މޫނު ނަޝާގެ މޫނާއި ގާތްކޮށްލިއެވެ. ފާރިޝްގެ ނޭވާ ނަޝާގެ މޫނަށް އެޅޭވަރަށެވެ. ނަޝާއަށް ދެލޯ މަރާލެވުނީ ބޭއިހްތިޔާރުގައެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ.

"އަހަރެން ބޭނުންވަނީ ނަޝާގެ ތި ރުޅިގަނޑު މައިތިރިކުރަން" ނަޝާގެ ކަންފަތްދޮށުގައި ވައިއަޑުން ފާރިޝް ބުނެލިއެވެ. އަދި ކުއްލިއަކަށް ނަޝާ ދުރަށް ޖައްސާލުމަށް ފަހުގައި ހިނގައިގެތެވެ. ހިނިތުންވެ ހުރެގެންނެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ