ވޯޓް ކަރުދާހެއް - ފޮޓޯ: އަވަސް

ކަޅާއި ހުދުން މަޖިލިސް ވޯޓް ކަރުދާސް ޗާޕްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޭނުންކުރާ ވޯޓް ކަރުދާސް ކަޅާއި ހުދުން ޗާޕް ކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.

ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ ރިޔާސީ އިންތިޚާބާ ޚިލާފަށް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓް ކަރުދާސް ޗާޕްކޮށްފައިވަނީ ކަޅާ ހުދުން ކަމަށާއި، ވޯޓް ކަރުދާސް ޗާޕް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް ޕްރައިވެޓް ލިމިޓެޑް އިން ކަމަށެވެ.

މި އިންތިޚާބުގައި ބޭނުންކުރުމަށް ޖުމްލަ 267159 ވޯޓް ކަރުދާސް ޗާޕްކޮށްފައިވާއިރު، ކަރުދާސް ޗާޕް ކޮށްފައިވަނީ 20 މާރިޗު 2019 އިން 24 މާރިޗު 2019 އަށެވެ.

ޝަރީފް ވިދާޅުވީ، ވޯޓް ކަރުދާސް ކަޅާއި ހުދުން ޗާޕް ކޮށްފައިވަނީ ޚަރަދު ކުޑަކުރަން ކަމަށާއި، ކަރުދާސް ޗާޕް ކުރުމަށް ހޭދަކޮށްފައިވަނީ ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ކަމަށެވެ. އެ ޚަރަދު ކުރައްވާފައި ވަނީވެސް ފިނޭންސް މިނިސްޓަރީއަށް ހުށަހަޅައި، ޓެންޑަރ ބޯޑަށް ހުށަހަޅައިގެން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި އިންތިޚާބުގައި ބޭނުންކުރުމަށް ޗާޕްކުރި ވޯޓް ކަރުދާހުގައި ބޭނުންކޮށްފައިވާނީ 2 ސެކިއުރިޓީ ފީޗަރސް ކަމަށާއި، އިތުރަށް ރައްކާތެރި ކުރުމުގެ ގޮތުން ކޮންމެ ވޯޓް ކަރުދާހެއްގެ ނުފުށުގައި ޚާއްޞަ ތައްގަނޑެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެސް އީސީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ