ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ ވަކިވަކި ފޮށިތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ނުކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ވަކި ވަކި ފޮށިތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރަމުން ނުދާނެ ކަމަށާއި، ވަކި ފޮށިތަކުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެހެން ވަކި ވެބްސައިޓަކަށް އަޕްލޯޑް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ސައިޓަށް އަޕްލޯޑްކުރާ ވަކި ފޮށީގެ ނަތީޖާއަކީ ވަގުތީ ނަތީޖާ ނޫންކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ވަކި ފޮށިތަކުގެ ނަތީޖާ އިއުލާން ކުރާނަމަ 8634 ނަތީޖާއެއް އިއުލާން ކުރަންޖެހޭ ކަމަށާއި،
އެގޮތަށް ނިންމެވީ ވަގުތު ސަލާމަތް ކުރުމަށް ކަމަށެވެ.
"މިފަހަރުގައި ރިޔާސީ އިންތިޚާބާ ތަފާތުކޮށް، އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއެއްގައި 501 ފޮށީގެ ނަތީޖާ އިއުލާން ކުރަންޖެހޭ، އެހެންވީމަ އަޅުގަނޑުމެން މިފަހަރު ފޮށިތަކުގެ ވަކިވަކި ނަތީޖާ އާއްމުކުރާނީ ވެބްސައިޓް މެދުވެރިކޮށް." ޝަރީފް ވިދާޅުވިއެވެ.
ވަކި ވަކި ފޮށިތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށް އިއުލާން ނުކުރުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާނެ މައްސަލައެކެވެ.