ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަޙައްދުގައި ވައިގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤަޢުމީ އިދާރާއިން ލަފާކުރާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރައްވައިފިއެވެ.
އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް އިން ވިދާޅުވީ ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް، ދަތުރަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މަޢުލޫމާތު އެންގުމާއި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމުގެ އިތުރުން ޚާއްސަކޮށް ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރައްވާފައިވެއެވެ.
މީގެ އިތުރުން އަނގަމަތި ކުދި ބޮއްކުރާ އަދި ޑިންގީ ފަދަ އުޅަނދުފަހަރުގައި ދަތުރު ނުކުރުމަށާއި އަދި ރަށްރަށުގެ ކަނޑިންމައިން ވަދެ ނުކުމެ ހަދާއިރު ޙާއްސަ ސަމާލު ކަމެއް ދިނުމާއި އަދި މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމަށާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށް ވެސް އެފަރާތުން ވަނީ ދަންނަވާފައެވެ. އަދި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް އެފަރާތުން ދަންވާފައިވެއެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާކުރެއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިލައްވާފައެވެ.



