ރައީސްގެ ކުރިނބީ ދަތުރުފުޅު ކެންސަލް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް ނިސްބަތްވާ ހދ. ކުރިނބީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފިއެވެ.

ރައީސް ކުރިނބީއަށް ވަޑައިގަންނަވަން ހަމަޖެހި އޮތީ މިއަދު ހެނދުނު 09:00 ގައެވެ. ރައީސްގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާކަން މުޢުޠަބަރު ފަރާތަކުން މި ނޫހަށް ވަނީ "ކަށަވަރު" ކޮށްދެއްވާފައެވެ.

ރައީސް ޞޯލިޙް ކުރިނބީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވާފައި މިވަނީ ރައީސް އަށް މަރުޚަބާ ދެންނެވުމަށް އަތޮޅުގެ ރަށްތަކުން އައި މީހުނާއި، ކުރިނބީގެ ބައެއް މީހުން ބަނދަރަށް ނިކުތް ފަހުންނެވެ. ނަމަވެސް އަދިވެސް ރައީސްގެ ދަތުރު ކެންސަލް ކުރެއްވިކަން އެފަރާތްތަކަށް ނާންގަވައެވެ.

ރައީސްގެ ދަތުރުފުޅު ކެންސަލް ކުރިކަން މީޑިއާއިން ހާމަކުރުމާއެކު، އެމްޑީޕީން ކުރިނބީ ރައްޔިތުންނަށް އަންގާފައިވަނީ، ރައީސް ކުރިނބީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު "ފަސްކުރެވިފައިވާ" ކަމަށެވެ.

ރައީސް ޞޯލިޙް ކުރިނބީއަށް ވަޑައިގަންނަވަން ތާވަލް ކުރެއްވީ، ވައިކަރަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ޙުސައިން ޒިޔާދު (ފިއްޓޭ) ގެ ކެމްޕޭނަށެވެ. ނަމަވެސް ފިއްޓޭގެ ކެމްޕޭނުގައި ރައީސް ބައިވެރި ވެވަޑައި ނުގަންނަވާނެ ކަމަށް މީގެ ކުރިންވެސް ވަނީ އަޑު ފެތުރިފައެވެ.

ވައިކަރަދޫ ދާއިރާއަށް އަދާލަތުގެ ޓިކެޓްގައި ޙުސައިން ޘަގީފް ވާދަކުރައްވާއިރު، ރައީސް ޞޯލިޙް ކުރިން ވިދާޅުވެފައިވަނީ އަދާލަތުގެ ކެންޑިޑޭޓުންނަކީވެސް ސަރުކާރު ކެންޑިޑޭޓުންނޭ ބުނެވޭނެ ކަމަށެވެ. އަދި ފިއްޓޭއަކީ ސަރުކާރު ކެންޑިޑޭޓް ނޫންކަމަށް ފިއްޓޭ އަމިއްލަފުޅަށްވެސް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ