ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކޮށްފައިވާ ބިލުތަކުގެ ލިސްޓު މަޖިލީހުގެ ރައީސަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިންނެވެ.
އެޓާރނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކޮށްފައިވާއިރު، އޭގެ ތެރޭގައި، މުޅިން އަލަށް އެކުލަވާލަންޖެހޭ 24 ބިލަކާއި އެކި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ 32 ބިލެއްވެސް ހިމެނޭ ކަމަށެވެ.
އެ ބިލުތަކުގެ ތެރެއިން 10 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް އެޓާނީ ޖެނެރެލްގެ އޮފީހުން ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހެޅުމަށް މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ބިލްތައް:
- ނަފްސާނީ ޞިއްޙަތުގެ ބިލު
- ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު
- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
- އިންޝުއަރެންސްއާބެހޭ ބިލު
- ތަފާސްހިސާބުގެ ބިލު
މި ބިލްތަކުގެ ތެރެއިން، ނަފްސާނީ ޞިއްޙަތުގެ ބިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިތުރުން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް އަދި ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.






