މިދިޔަ ޖެނުއަރީ މަހު ޓެކްސް އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 1.81 ބިލިއަން ރުފިޔާ މިރާ މެދުވެރިކޮށް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާއްމުކުރި ޖެނުއަރީ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު އެ އިދާރާ އަށް ޖުމްލަ 1.81 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.
މިއީ މިދިޔަ ޖެނުއަރީ މަހާއި އަޅާބަލާއިރު 14.7 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 2.12 ބިލިއަން ރުފިޔާ ވަނީ މިރާއަށް ލިބިފައެވެ. އެހެންނަމަވެސް މިއީ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ 7.4 އިންސައްތަ އިތުރު އަދަދެކެވެ.
ޖެނުއަރީ މަހު ވެސް ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. އެގޮތުން 44.5 އިންސައްތަ ލިބިފައި ވަނީ ޖީއެސްޓީގެ ގޮތުގައެވެ. ޖީއެސްޓީގެ ގޮތުގައި 807 މިލިއަން ރުފިޔާ ޖެނުއަރީ މަހު ލިބުނުއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖީއެސްޓީގެ ގޮތުގައި ލިބުނީ 792 މިލިއަން ރުފިޔާ އެވެ.
ޖެނުއަރީ މަހު ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ނުވަތަ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގަ އެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު 645 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޖެނުއަރީ މަހު ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިިބިފައި ވަނީ ގްރީން ޓެކްސްގެ ގޮތުގަ އެވެ. އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި 84.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީރާ އިން ބުނެފައިވަނީ ޖެނުއަރީ މަހު ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އަށް ވުރެ ދަށަށް ގޮސްފައި ވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް ދިއުމުން ކަމަށެވެ. ޓެކްސް އާމްދަނީ ދަށަށް ދިޔައީ ކުއްޔަށް ދީފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމަށް ދެއްކި ފީގެ މިންވަރު ޖެނުއަރީ 2019 ގައި އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.




