މިދިޔަ މަހު މީރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގަންފި

މިދިޔަ ސެޕްޓެމްބަރު މަހު މީރާއިން 1.98 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ  މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %133.5 އިތުރު އަދަދެއް ކަމަށެވެ. އަދި، ސެޕްޓެމްބަރ 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %8.6 އިތުރު އަދަދެއް ކަމަށެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ސެޕްޓެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ސެޕްޓެންބަރު 2011 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށް މީރާއިން ބުންޏެވެ. މިގޮތުން، 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް
ލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސް ވަނީ ސެޕްޓެމްބަރ 2021 އަށް ފަސްކޮށްފައެވެ. މިއީ ވެސް އާމްދަނީ އިތުރުވުމުގެ އެއް ސަބަބު ކަމުގައި މީރާއިން ފާހަގަކުރެއެވެ.

ސެޕްޓެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 37.6 ޕަސަންޓު ނުވަތަ 745.00 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ 27.9 ޕަސަންޓު ނުވަތަ553.11 މިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410.14 މިލިއަން ރުފިޔާ، ގްރީންޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ 147.98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ސެޕްޓެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ