ބިރުދައްކާ އިންޒާރު ދިނުމަކީ މުޖުތަމައުގައި އަމާންކަން ގެއްލިދާނެ ކަމެއް ކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބުރައީސް އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
އަކުރަމް ކުރެއްވި ޓުވީޓެއްކައި ވިދާޅުވީ، "ބިރުދައްކާ އިންޒާރު ދިނުމަކީ މުޖުތަމައުގައި އަމާންކަން ގެއްލިދާނެ ކަމެއް، ގޯސްކަންކަން ތަކުރާރު ކުރުމުން ވަނީ ގޯސް، ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން އިންސާފުވެރި އަމާން އިންތިހާބެއް ރައްޔިތުންނަށް ފޯރުކޮށްދޭނަން" ކަމަށެވެ.
އަކުރަމް މިހެން ވިދާޅުވެފައި މިވަނީ، އިލެކްޝަން ކޮމިޝަނަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރުމަށް ފޯމު ހުށަހަޅަން އައި އާންމު ފަރާތަކުން އެކޮމިޝަނުގެ މުވައްޒަފުންނަށް ބިރުދައްކައިފައި ވަނިކޮށެވެ.
މިގޮތުން އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އިއްޔެއާއި މިއަދު އެޕްލިކޭޝަން ފޯމް ހުށަހަޅަން އައި އާންމުފަރާތަކުން އެކޮމިޝަނުގެ މުވައްޒަފުންނަށް ބިރުދައްކައި އިންޒާރުދީފައި ވާކަމަށެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަހުގެ 4 ވަނަ ދުވަހު ހުޅުވާލައިފައެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެފަހު ތާރީޚަކީ މިމަހުގެ 24 ވަނަ ދުވަހެވެ.