މެޖިސްޓްރޭޓު ކަމަށް އަފީފު ޝަރުތު ހަމަނުވާކަމަށް ނިންމީ ފޯމުގައި ތެދު މައުލޫމާތު ހިމަނާފައި ނުވުމުން: ޖޭއެސްސީ

އިބްރާހިމް އަފީފް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވުމުން ކޮމިޝަނުން އެބޭފުޅާގެ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމާފައިވާކަމަށާއި، އެގޮތަށް ނިންމާފައިވަނީ "ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމް" ގައި އަފީފް ދީފައިވާ ބެއެއް މަޢުލޫމާތަކީ ތެދު މަޢުލޫމާތު ކަމުގައި ނުވާތީ ކަމަށް ޖޭއެސްސީ އިން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅިގެން އަދުލުވެރިކަމާމެދު ސުވާލު އުފެދޭ ގޮތަކަށް ކަމަށް، އަފީފު ވަނީ ސޯޝަލް މީޑިއާގައި ލިޔުއްވައިފަ އެވެ. ޖޭއެސްސީ އިން ބުނެފައިވަނީ މެޖިސްޓްރޭޓުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނަކާ ގުޅިގެން އަފީފް މެޖިސްޓްރޭޓް ކަމަށް ކުރިމަތި ލެއްވިކަމުގައި ވިޔަސް، އިންޓަރވިއުއަށް ޝޯޓްލިސްޓުވި ފަރާތްތަކުގެ ތެރޭގައި އިބްރާހިމް އަފީފް ހިމެނިފައިނުވާ ކަމަށެވެ.

"މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތަށް އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރުމަށް މާކްސް ދޭނެގޮތުގެ ކްރައިޓީރިއާ" ގައި ބަޔާންކޮށްފައި ވާގޮތުން، އިންޓަރވިއުއަށް ޝޯޓްލިސްޓް ވާނީ، މެޖިސްޓްރޭޓްކަމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި ކޮމިޝަނުން ބަލާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓެގްރިޓީގެ ބައިން، ކްރައިޓީރިއާގައި ކަނޑައަޅާފައިވާ މިންވަރަށް މާކްސް ލިބޭ ފަރާތްތަކެވެ.

"ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމް" ގައި ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތުން ބޭނުންކުރާ ސޯޝަލް މީޑިއާގެ ވަޞީލަތްތަކުގެ މަޢުލޫމާތުވެސް ބަޔާންކުރަންޖެހޭއިރު، އިބްރާހިމް އަފީފް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެއްވުމަށް ކޮމިޝަނުން ހުށަހެޅުއްވި ފޯމުގައި އެބޭފުޅާ ސޯޝަލް މީޑިއާގެ އެއްވެސް ވަޞީލަތެއް ބޭނުން ކުރައްވާކަމަށް ފާހަގަ ކުރައްވާފައި ނުވާ ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.

ނަމަވެސް ޖޭއެސްސީން ހޯދި މަޢުލޫމާތު ތަކުން، އިބްރާހިމް އަފީފް ސޯޝަލް މީޑިއާގެ ބައެއް ވަޞީލަތްތައް ބޭނުން ކުރައްވާކަން ކަށަވަރު ކުރެވިފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ޢައްޔަންކުރުމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކޮމިޝަނުން ކަނޑައަޅާ އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަދި ހާމަކަން ބޮޑު ދެފުށް ފެންނަގޮތަށް ޢަދުލުވެރިކަމާއެކު ކަމަށް އެކޮމިޝަނުން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ