ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ތިބި މީހުންނާއި އެކަހެރި ބައްދަލު ކުރެވޭނެ ގޮތް ހަދައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލެ ޖަލާއި މާލެ ޖަލުގައި ތިބި ޤައިދީންނާއި ބަންދުމީހުންނަށް އެކަހެރި ބައްދަލުވުމުގެ ފުރުޞަތު ދެވޭނެގޮތް ހަމަޖައްސައިފިއެވެ.

ކަރެކްޝަންސްއިން ވިދާޅުވި ގޮތުގައި އެކަހެރި ބައްދަލުވުން ދެވޭނީ ޝަރުޢީ ކައިވެންޏެއް ކޮށްފައިވާ ފަރާތްތަކަށެވެ.

މިގޮތުން ހުޅުމާލެ ޖަލުގައި އެކަހެރި ބައްދަލުވުމަށް ޚާއްސަކޮށް އިމާރާތްކުރެވުނު މިތަން މިއަދު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ.

އަދި މިތަނުގެ ބޭނުމަކީ ހުޅުމާލެ ޖަލުގައި އަދި މާލެ ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ ތެރެއިން އެކަހެރި ބައްދަލުވުން ދޭންޖެހޭ ޤައިދީންނަށް މި ފުރުޞަތު ދިނުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލު ހޯދައިދިނުންކަމުގައި ކަރެކްޝަންސްއިންވަނީ ވިދާޅުވެފައެވެ.

"އެކަހެރި ބައްދަލުވުން ދިނުމުގައި ޢަމަލުކުރެވޭނީ މި ސަރވިސްގެ 2016/R-34 ޤައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި ޢިނާޔާތްތަކާބެހޭ ގަވާއިދާއި އެ ގަވާއިދަށް އިސްލާހު ގެނައުމުގެ ގަވާއިދު 2019/R-1025 ގައި ބަޔާންކުރެވިފައިވާ ފަދައިން" ކަރެކްޝަންސްއިން ވިދާޅުވިއެވެ.

އަދި އެކަހެރި ބައްދަލުވުން ދެވޭނީ މަހަކު 2 (ދޭއް) ފަހަރު، ކޮންމެ ފަހަރަކު 24 (ސައުވީސް) ގަޑިއިރަށްކަމަށާއި، އެކަހެރި ބައްދަލުވުމަށް އެދި ފޯމް ހުށަހަޅާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރު 2:30 އާ ދެމެދު މާލޭ ޖަލުގެ ރިސެޕްޝަނަށްކަމަށްވެސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ