ރައީސް ނަޝީދުގެ ގއ. ވިލިނގިލި ދަތުރުގައި އިތުރަށް ޚަރަދުކުރި ފައިސާ އަނބުރާ ދެއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފިއެވެ.
އޭސީސީން މި އަމުރު ނެރެފައިވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެމް.ޑީ.ޕީގެ އެކްޓިވިސްޓުންނާ ބައްދަލުކުރައްވަން ކުރައްވާ އަމިއްލަފުޅު ދަތުރުތަކުގައި ދައުލަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކުރައްވައިގެން ރަސްމީ ދަތުރެއްގެ ގޮތުގައި މަޖިލީހުގެ ރަސްމީ މީޑިއާ ބޭނުންކޮށްގެން ކަވަރުކުރަމުންދާކަމަށް ބުނާ މައްސަލަ އާއި ގުޅޭ ގޮތުން އެކަން އިސްލާހު ކުރުމަށް އަންގާފައިވާ އެންގުމުގައެވެ.
އޭސީސީން ފެބުރުވަރީ 16 ވަނަ ދުވަހު ނެރެފައިވާ މި އެންގުމުގައި ވިދާޅުވެފައިވަނީ މި މައްސަލަ ތަޙްޤީޤު ކުރުމުގެ ތެރޭގައި، 31 އޮކްޓޫބަރު 2019ގައި ގއ.ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކުއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓީކެޓަން، މީހަކަށް ޙަރަދުކޮށްފައިވަނީ 1,222.00 (ބާރަ ސަތޭކަ ބާވީސް) ރުފިޔާ ކަމަށެވެ.
ނަމަވެސް މަހާސިންތާ ނިންމާލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ބައިވެރިވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރ، ގަމުން މާލެ ދިއުމުގެ ޓިކެޓަށް ކޮންމެ މީހަކަށް 1,333.00 (ތޭރު ސަތޭކަ ތިރީސް ތިނެއް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ވެފައިވާކަމަށެވެ. އަދި އެ ދުވަސްވަރު ކޫއްޑޫއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގަކީ މީހަކަށް 1,222.00 (ބާރަ ސަތޭކަ ބާވީސް)
ކަމާއި، މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ޚަރަދުކޮށްފައިވާ 444 (ހަތަރު ސަތޭކަ ސާޅީސް ހަތަރެއް) ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު، އެކަން މި ކޮމިޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އޭސީސީއިން ވަނީ އަންގާފައެވެ.
އޭސީސީން ނެރެފައިވާ އެންގުމުގައި ވިދާޅުވެފައިވަނީ އެކޮމިޝަނުން މައްސަލައެއް ބަލައި ނިންމުމަށްފަހު، ޤާނޫނު ނަންބަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނޭ މުއައްސަސާއެއްގެ ހިންގުމުގެ ދާއިރާގައި ހުރި މައްސަލައެއްގެ ސަބަބުން ދިމާވެފައިވާ ކަމެއްނަމަ، އެކަން އިސްލާހުކުރުމަށް އެ މުއައްސަސާއަކަށް އެންގުމުގެ ބާރު މި ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ)ގެ 03 ވަނަ ނަންބަރުގެ ދަށުން އެކޮމިޝަނަށް ލިބިގެންވާކަމަށެވެ.




