މަޖިލީހުގެ އިދާރާގައި ހުރި ތާރީޚީ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް، އާންމުންނަށް ކިޔޭނެ ގޮތް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ކުރީގެ ތާރީޚީ ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމުގައި މަޖިލީހުން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ އިދާރާގައި ހުރި ކުރީގެ ތާރީޚީ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް، އަރުޝީފްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ޙަސަން ޒިޔާއު މި ނޫހަށް މަޢުލޫމާތު ދިންގޮތުގައި މި މަސައްކަތަކީ މިދިޔަ ޑިސެންބަރު މަހުން ފެށިގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށާއި މިއަދާއި ހިސާބަށް އައިއިރު މި މަސައްކަތުގެ ބޮޑު ބައެއް ނިއްމާލެވިފައިވާކަމަށެވެ. އަދި ކުރިޔަށް އޮތް ދެތިން މަސްތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭވަރު ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ.

ޒިޔާއު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ހުރި ކުރީގެ ތާރީޚީ ލިޔެކިޔުންތަކުގެ ތެރޭގައި 1950 ގައި މަޖިލިސް ފުރަތަމަ ފެށިގެން އައި އިރުގެ މެންބަރުންގެ ހާޒިރީއާއި ކުރީގެ ފަތްކޮޅުތަކާއި ފޮތްތަކާއި ތާރީޚީ އެތައް ލިޔުންތައް އެ އިދާރާގައި ހުރި ކަމަށެވެ.

އެގޮތުން ބައެއް ލިޔުންތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެފަދަ ލިޔުންތައް ޑިޖިޓަލައިޒް ކުރުމުގައި ގިނަ ވަގުތުތަކެއް ބޭނުންވާކަމަށްވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޒިޔާއު ވިދާޅުވީ މި މަސައްކަތް ނިމުމުން މި ލިޔެކިޔުންތައް އާންމުންނަށް ފެންނާނެ ގޮތް ހެދުމަކީ މަޖިލީހުގެ ރައީސްގެ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ