ކެންޑިޑޭޓަކު ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެން މާވަށު ދާއިރާގެ ވޯޓް އަލުން ގުނުމުން ވެސް، ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވި، ކުރީގެ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި ސައީދަށް ކުރި ލިބުނު ކަމަށް ވަގުތީ ނަތީޖާ އިން ދެއްކީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙީމް ފަލާޙަށްވުރެ ފަސް ވޯޓް އިތުރަށް ލިބިގެންނެވެ. އަލުން ވޯޓް ގުނުމުން ވެސް ސައީދަށް ކުރި ލިބުނީ ފަސް ވޯޓްގެ ތަފާތަކުންނެވެ.
އެ ދާއިރާގެ ވޯޓް އަލުން ގުނާފައިވަނީ މިރޭ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބީ މަރުކަޒުގައެވެ.
ސަޢީދުއާއި، ފަލާޙްގެ އިތުރުން މާވަށު ދާއިރާއަށް ދެން ވާދަ ކުރެއްވީ، އަޙްމަދު އަޒްހާން ފަޙްމީ އަދި ޝާދިޔާ ތަޢުފީޤެވެ.
އަލުން ވޯޓް ގުނުމުންވެސް މާވަށު ދާއިރާގެ ނަތީޖާއަށް ބަދަލެއް އައިސްފައި ނުވާއިރު، މާމިނގިލި ދާއިރާގެ ބާޠިލް ވޯޓްތައް އަލުން ގުނުމުން ވޯޓްގެ އަދަދުތަކަށް ބޮޑު ބަދަލެއް އައި ނަމަވެސް، އެ ދާއިރާގެ ނަތީޖާއަށްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.