ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޞައްޙަ ވޯޓް ކަނޑައެޅިގެން ބާޠިލް ވޯޓުގެ ގޮތުގައި ކަނޑައެޅި އޮފިޝަލަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޮފިޝަލާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އެއީ އެހެން ފަރާތްތަކަށް އިބުރަތަކަށް ވާންޖެހޭ ކަމަށެވެ.
"... އެ އޮފިޝަލް އާ ދޭތެރޭ ޤާނޫނީ ފިޔަވަޅު ކޮމިޝަނުން އަޅާނެ، މިކަން އެހެން ފަރާތްތަކަށް އިބުރަތަކަށް ވާންޖެހޭ." ޝަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކަނޑައެޅިގެން ޞައްޙަ ވޯޓެއް ބާޠިލް ކަމަށް ނިންމުމަކީ ޤާނޫނީ ކުށެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވިއިރު، މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގައި 190 ބާތިލް ވޯޓް އޮތުމާ ގުޅިގެން އީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ވޯޓް ފޮށިތައް އީސީގެ އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީންގައި އަލުން ކަނޑައިގެން މިރޭ ގުނި އިރު، ގާސިމްއަށް ވަނީ 64 ވޯޓް އިތުރުވެފަ އެވެ. އެމްޑީޕީއިން ވާދަކުރި އަމީޒްއަށް ވަނީ 45 ވޯޓް އިތުރުވެފަ އެވެ.
ކުޑަ ތަފާތަކުން ނަތީޖާ ނިކުމެފައިވާ މާވަށު ދާއިރާގެ ވޯޓްފޮށިތަކުގެ ބާޠިލް ވޯޓްތައްވެސް އަލުން ގުނާފައިވާއިރު، އެ ދާއިރާގެ ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންކަމުން ޝަރީފް އެ އިޝާރާތް ކުރައްވަނީ މާމިނގިލީ ދާއިރާގެ ވޯޓް ފޮށްޓެއްގެ ވެރިއަކަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އޮފިޝަލަކާ މެދުގައި ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަން މީޑިއާގައި ހާމަކުރެއްވިއިރު، މި އިންތިޚާބަށްވެސް އޮފިޝަލުން ހޯދުމުގައި އީސީއަށް ބޮޑެތި ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވެއެވެ.