ނ. ލަންދޫ ޞިއްޙީ މަރުކަޒުގައި ލެބޯރޓްރީގެ ޙިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. ލަންދޫ ޞިއްޙީ މަރުކަޒުގައި މިއަދު ލެބޯޓްރީގެ ޚިދުމަތް ތަޢާރަފްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީންއެވެ.
ނ. ލަންދޫއަކީ ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ހޯދަމުން އައީ ނ. އަތޮޅު ހޮސްޕިޓަލުންނެވެ. އެހެންކަމުން، ނ. ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފް ކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެކަމުގައި ހެލްތް މިނިސްޓްރީ ވަނީ ވިދާޅުވެފައެވެ.

ނ. ލަންދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ 4 ކުދިން ދިރިއުޅޭ ރަށެކެވެ. ވުމާއެކު ރަށުގައި ލެބޯޓަރީގެ ޚިދުމަތް ތަޢާރަފުވެގެން ދިއުމަކީ މިކުދިންގެ ފަރުވާއަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއްކަމުގައި އެ މިނިސްޓްރީން ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ނ. މާޅެންދޫގައި ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ 3 ކުދިން އަދި ނ. މާފާރުގައި މިބައްޔަށް ގަވައިދުން ފަރުވާ ހޯދަމުންދާ 4 ކުދިން ދިރިއުޅެއެވެ. ވުމާއެކު ނ. ލަންދޫގައި ލެބޯޓަރީގެ ޚިދުމަތް ފެށިގެން ދިއުމާއެކު މީގެކުރިން މިކުދިން ފަރުވާ ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެ ކަމުގައިވެސް އެމިނިސްޓްރީން ފާހަގަ ކުރެއްވިއެވެ.
ނ. އަތޮޅުގައި މިހާރު ލެބޯރޓްރީގެ ޚިދުމަތް ލިބޭ ރަށްރަށަކީ ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ) އަދި ނ. ވެލިދޫ ޞިއްޙީ މަރުކަޒު، ނ. ކެނދިކުޅުދޫ ޞިއްޙީމަރުކަޒުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޞިއްޙީމަރުކަޒެވެ.




