ކޮވިޑް-19 އަދި ހިމަބިއްސާއި ގުޅިގެން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް މަޑުޖައްސާލުމަށް އަންގައިފި

ކޮވިޑް-19 އަދި ހިމަބިއްސާއި ގުޅިގެން ސްކޫލުތަކުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހަރަކާތްތައް މިއަދުން ފެށިގެން 2020 މޭ 20 ގެ ނިޔަލައް މަޑުޖައްސާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލް ތަކަށް އަންގައިފިއެވެ.

މިއީ މިދުވަސްވަރު ހިމަބިހި ރާއްޖެއިންފެނި، ބައެއް ދަރިވަރުން ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާތީ މިކަން
ކޮންޓްރޯލުކުރުމަށްވެސް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިހާލަތުގައި ކޯވިޑް-19 ރާއްޖެއަށް އަތުވެދާނެކަމުގެ ބިރު އޮތުމާއެކު ދަރިވަރުން މިބަލިތަކުން ރައްކާތެރިކުރުމަށް ދުރާލާ އެޅި ފިޔަވަޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއެކޭޝަން މިނިސްޓުރީން ވިދާޅުވީ މިކަމާގުޅޭގޮތުން ޢަމަލުކުރަންވީގޮތުގެ ފަންނީ މަޝްވަރާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ކޯވިޑް-19ގެ ޓެކްނިކަލް ޓީމާ އަދި މީޒަލްސް ޓެކްނިކަލް ޓީމުގެ މަޝްވަރާއާއެކު މިވަގުތަށް ސްކޫލު ދަރިވަރުން ބައިވެރިވާ އިތުރު ހަރަކާތްތައް (ކަރިކިއުލަމުންބޭރު) މަޑުޖައްސާލުމަށް ހަމަޖައްސާފައި ވާކަމަށެވެ.

ކޯވިޑް-19 ޓާސްކުފޯހުގެ މަޝްވަރާތަކަށް ރިޢާޔަތްކޮށް މިމިނިސްޓްރީން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް ލަފާ ޤަވާއިދުން ހޯދަމުން ގެންދާނެ ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް މަޝްވަރާއަށްފަހު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެގޮތް މިމިނިސްޓްރީން ސްކޫލަތަކާއި ޙިއްޞާކުރާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

ކޯވިޑް-19 ފެތުރެމުންދާ ގޮތާއި ހާލަތަށް ބަލައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް ލަފާ ހޯދުމަށްފަހު ސްކޫލުތައް ބަންދުކުރަންޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަން މިނިސްޓްރީން ސްކޫލުތަކަށް އަންގަމުން ގެންދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފެތުރެމުންދާ ކޯވިޑް-19 ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކުރުމަށާއި
މިބަލި ރާއްޖެއިން ފެނިއްޖެނަމަ މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ