ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަލަށް ބިނާކުރަން ހަމަޖެހިފައިވާ އައު ސްކޫލްގެ ބިންގާ އަޅައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު އާއި ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދުގެ އިތުރުން، ދައުލަތުގެ ވުޒާރާތަކުގެ ވަޒީރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޝަފީއު ފާހަގަކުރި ގޮތުގައި، ދެވަނަ ފިޔަވަހީގައި މިއަދު ބިންގާ އެޅިގެންދިޔަ އައު ސްކޫލަކީ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ސްކޫލް ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.
މި ސްކޫލް ޤާއިމްވުމާއެކު 1700 އަށްވުރެ ގިނަ ދަރިވަރުންނަށް، 54 ކްލާސް ރޫމްގައި ތައުލީމް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި ސްކޫލް ވެގެންދާނީ ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވޭ ސްކޫލަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ސްކޫލަށް ބޭނުންވާނެ ހުރިހާ ސަމާނާއި، 54 ކްލާސް ރޫމާއި ހޯލުގެ އިތުރުން ޓާފް ދަނޑެއް ވެސް ޤާއިމްވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިންގާ އެޅިގެންދިޔަ ސްކޫލަކީ، ސަރުކާރުން ފަށަން ގަސްދުކޮށްފައިވާ ދަރިވަރުންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢުގެ ފެށުން ކަމަށެވެ. އަދި މި މަޝްރޫޢަކީ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައި ރައީސް ފާހަގަކުރި އެވެ.
"ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ، ޤައުމަކަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ. ތަޢުލީމު، ހެޔޮގޮތުގައި ނުދެވިއްޖެނަމަ، އޭގެ ހިތާމަ މުޅި ޤައުމަށް، މުސްތަޤްބަލަށް ކުރާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޖެނުވަރީ މަހުގެ ފުރަތަމަ ހަފްތާގައި މި ސްކޫލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ފެށިގެންގޮސް، ގިނަވެގެން 18 މަސް ދުވަސްތެރޭގައި މި އިމާރާތުގެ މަސައްކަތް ނިއްމާލެވޭނެ ކަމަށެވެ.

ރައީސް ފާހަގަކުރި ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މިހާތަނަށް މާބޮޑު އަޅާލުމެއް ނުދެވި އޮތް ތަނެކެވެ. ނަމަވެސް މިއަދު އެޅިގެން މިދިޔަ އާ ސްކޫލްގެ ބިންގާ ވެގެންދާނީ ދެވަނަ ފިޔަވަހީގެ ސަރަހައްދު ތަރައްޤީކުރުމުގެވެސް ބިންގާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސްކޫލް ބިނާކުރުމުގެ މައްސަކަތް ހަވާލު ކޮށްފައި ވަނީ ކޮންޓްރެކްޓްގެ އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މި ސްކޫލް އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ.
މިއީ މި ސަރުކާރުން ބިނާކުރާ ފުރަތަމަ ސްކޫލެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްވެގެންދާނެ ދެވަނަ ސްކޫލެވެ.




