ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - ފެށުން ފޮޓޯ: ވިސާމް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި "ސްޕީޗް ތެރަފީގެ ޚިދުމަތް" ފަށަނީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި "ސްޕީޗް ތެރަފީގެ ޚިދުމަތް" ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ހާމަކުރައްވާފައިވާ ގޮތުގައި "ސްޕީޗް ތެރަފީ" ގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 07 މާރިޗު 2020 ވާ ހޮނިހިރު ދުވަހުއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ ރައްޔިތުންވެސް އާންމުކޮށް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ބަޔަކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުން އަންނަ އިރު، އެ ހޮސްޕިޓާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިހާރު ސިޓީ އެއްގެ ދަރަޖަ ލިބިފައިވާ ކުޅުދުއްފުއްޓަކީ ބޮޑު ތިލަދުންމަތީގެ މައި ހަބެވެ. އެހެން ކަމުން އެކިއެކި ބޭނުންތަކުގައި ދުވާލަކު އެތައް ސަތޭކަ ބަޔަކު ދަނީ އެރަށަށް ދަތުރު ކުރަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ގިނަ ފަރުވާ ތަކެއް ލިބެމުންދާއިރު، އާންމު ރައްޔިތުންގެ ބައެއް ކަންބޮޑުވުންތައްވެސް ހުރިކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ޑޮކްޓަރުންގެ ދަތިކަމެވެ. ބައެއް ފަހަރު ޑޮކްޓަރުން ނެތުމުގެ ސަބަބުން ބައެއް ފަރުވާތަކާއި ޚިދުމަތްތައް މެދުކެޑިފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

މިފަދަ ދަތިތައް ކުޑަކުރުމަށްޓަކައި އެ ހޮސްޕިޓަލަށް ޑޮކްޓަރުން ހޯޑުމަށް ދާދި ފަހުންވެސް ވަނީ އިޢުލާނު ކުރެވިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަފީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާތީ، އެ ހޮސްޕިޓަލުގެ މެނޭޖަރާއި ވާހަކަ ދައްކާލުމަށް އަޅުގަނޑު ކުރި މަސައްކަތުން ފޯނަށް ޖަވާބުދެއްވާފައި ނުވާތީ، މެނޭޖަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ ސްޕީޗް ތެރަފީގެ ޚިދުމަތް ފެށުމަކީ އުފާވެރި ޚަބަރެއްކަމަށާއި މި ހިދުމަތާއެކު އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބޮޅެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ