ފުޓްބޯޅަ މަޑު ޖައްސާލުމަށް އިޓަލީ އެސޯސިއޭޝަންގެ ރައީސް ގޮވާލައިފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ފުޓްބޯޅަ މަޑު ޖައްސާލުމަށް އިޓަލީ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޑަމިއާނޯ ޓޮމަސީ ގޮވާލައިފިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިވައިރަހުގެ އަސަރު ފުޓްބޯޅައަށްވެސް މިވަނީ ކޮށްފައެވެ. މިވައިރަހާއި ގުޅިގެން އިޓާލިއަން ސީރީއާގެ މެޗުތަށް އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ހަމަޖެހިފައިވާއިރު، މޮރޮކޯ އަދި ސައުދީ އެރޭބިއާގައިވެސް މެޗު ބަލަން ދަނޑުތަކަށްވަނުންވަނީ މަނާކޮށްފައެވެ.

އަނެއްކޮޅުން މެޗު ފެށުމުގެ ކުރިން ބައްދަލުކުރާ ދެޓީމުގެ ކުޅުންތެރިން ކުރާ ސަލާމްވެސް ޕްރިމިއާ ލީގުގައި ހުއްޓާލާފައިވާ މިދަނޑިވަޅުގައި ޓޮމަސީ ބުނީ، އެންމެ ފުރަތަމަ އިސްކުރަންވީ ސިއްޙަތުކަމަށާއި، މިވަގުތަށް ފުޓްބޯޅަ ހުއްޓާލައި، އިޓާލީގެ ލީގު ހުއްޓާލަން އުޅެމާ ހިނގާކަމަށެވެ.

އެހެންނަމަވެސް އިޓަލީގެ ޓީވީ ޗެނަލްއަކަށް އެޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ދިން އިންޓަރވިއުއެއްގައި ބުނީ، އިޓާލިއަން ސީރީއާގައި ކުޅޭ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވިނަމަވެސް މުޅީ ސީޒަން އެއްކޮށް ހުއްޓާލެވެން ނެތްކަމަށެވެ.

އިޓަލީއިން މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، 230 އަށްވުރެ ގިނަ މީހުން މިވައިރަހުގައިވަނީ މަރުވެފައެވެ. އަދި ހުއްޓުމެއްނެތި އިޓަލީގައި މިވައިރަސްދަނީ ފެތުރެމުންނެވެ. މިވައިރަސް ކޮންޓްރޯލް ކުރުމަށް އިޓަލީގެ ސަރުކާރުން އަޅަމުން ދާ ފިޔަވަޅު ތަކުގެ ތެރެއިން މިލާންގެ ސިޓީތަކާއި، ބާގަމޯގެ ސިޓީތަކުގެ އިތުރުން އަވައްޓެރި 11 ޕްރޮވިންސެއްވެސްވަނީ ބަންދުކޮށްފައެވެ.

އިޓާލއިން ސީރީގެ ތާވަލްއަށް ބަލާލާއިރު، 26 މެޗުން ލިބުނު 62 ޕޮއިންތާއެކު އެއްވަނާގައި އޮތީ ލާޒިއޯއެވެ. ދެވަނާގައި އޮތް ޔުވެންޓަސްއަށް 25 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. އަދި 24 މެޗުން ލިބުނު 54 ޕޮއިންޓާއެކު ތިންވަނާގައި އޮތީ އިންޓަރމިލާންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ