އިންޖަރީގައި ހުރި ވިނިޝިއަސް ރެއަލްމެޑްރިޑްގެ ފަރިތަކުރުން ތަކުގައި ބައިވެރިވާއިރު ރެއަލްމެޑްރިޑް ދެން ކުޅޭ މެޗުން ވިނިޝިއަސް ފެނިގެންދާނެކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ.
މިސީޒަންގައި ރެއަލްމެޑްރިޑް ހޯދޭނެ ތައްޓެއް ނެތްއިރު ވިނިޝިއަސްގެ އެނބުރިއައުން ރެއަލްމެޑްރިގެ ސަޕޯޓަރުންނަށް އިތުރު ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ރެއަލްމެޑްރިޑަށްވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ބާކީ މިއޮތް މެޗުތަކުގައި ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން މަސައްކަތްކުރަމުންދާނީ މުޅި ޓީމު ޓެސްޓުކުރުމުގައި ކަމަށް ލަފާކުރެވެއެވެ. އަންނަ ސީޒަނަށް ރެއަލްމެޑްރިޑަށް ބޮޑެތި ބަދަލުތަކެއް ޒިދާން ގެންނާނެ ކަމަށް ލަފާކުރެވެއެވެ.
ވިނިޝިއަސްއަކީ މިހާރު އަރަމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ޒުވާން ކުޅުންތެރިއެކެވެ. މިއަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީގައި ދިޔަ އުނދަގޫ ދުވަސްތަކުގައި ރެއަލްމެޑްރިޑް ވެއްޓުނަނުދީ ހިފެހެއްޓުމުގައި ވިނިޝިއަސްވަނީ ބޮޑު ރޯލެއް އަދާކޮށްފައެވެ.
ޒިދާންއަކީ އިންޖަރީގައި ހުންނަ ކުޅުންތެރިން އަވަސް އަރުވާލާފައި އިންޖަރީ ރަނގަޅު ނުވަނީސް ކުޅެން ނެރޭ ކޯޗެއް ނޫނެވެ. ވިނިޝިއަސްގެ އިންޖަރީ ރަނގަޅުވެ ޓީމާ ގުޅޭނެކަމަށް ގިނަ ބަޔަކު ލަފާކުރާއިރު ބުރާސްފަތި ދުވަހުގެ ރޭ ގެޓަފޭއާ ދެކޮޅަށް ރެއަލްމެޑްރިޑް ނިކުންނަ މެޗުގައި ވިނިޝިއަސް ފެނިގެންދާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.




