މެސީގެ މަޝްހޫރު ރެކޯޑު ވިނިޝިއަސް މުގުރާލައިފި

ބާސެލޯނާގެ ކެޕްޓަން އަދި ހަ ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ލިއޮނަލް މެސީ ހެޓްރިކް ހަދައި އެލްކްލެސިކޯގައި ހެދި މަޝްހޫރު ރެކޯޑު، ބްރެޒިލްގެ ތަރި ވިނިޝިއަސް ޖޫނިއާ މުގުރާލައިފިއެވެ.

ވިނިޝިއަސް މިރެކޯޑު ހަދާފައިވަނީ ރޭ ކުޅުނު ފޯރިގަދަ އެލްކްލެސިކޯ މެޗުގައެވެ. ބާނަބޯގައި ކުޅެވުނު މިމެޗު 2-0 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް ކާމިޔާބުކޮށްފައިވާއިރު، ރެއަލްމެޑްރިޑްގެ ދެލަނޑުގެ ތެރެއިން އެއް ލަނޑު ވިނިޝިއަސްވަނީ ކާމިޔާބުކޮށްދީފައެވެ.

ވިނިޝިއަސްގެ މިލަނޑާއެކު 21 ވަނަ ގަރުނުގައި އެލްކްލެސިކޯގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިން އޭނާވަނީ ވެގެން ގޮސްފައެވެ. ވިނިޝިއަސް ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 19 އަހަރާއި 233 ދުވަހެވެ. މެސީ މިރެކޯޑު ހަދާފައިވަނީ މީގެ 13 އަހަރު ކުރިންނެވެ. 2007 ވަނަ އަހަރު މެސީ މިރެކޯޑު ހެދިއިރު އޭނާގެ އުމުރަކީ 19 އަހަރާއި 259 ދުވަހެވެ.

2007 ވަނަ އަހަރުގެ މާޗު މަހު ކޭމްޕްނޯގައި ކުޅެވުނު އެލްކްލެސިކޯ މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއރިު، އެމެޗުގައި ބާސެލޯނާއިން ޖެހި 3 ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ. އެއަށްފަހު ޒުވާން މެސީ ފުޓްބޯޅައިގެ ދުނިޔެއަށް މަޝްޙޫރުވެގެން ގޮސްފައިވާއިރު، މެސީގެ މިރެކޯޑު ވިިނިޝިއަސް ރޭ މުގުރާލާފައިމިވަނީ 26 ދުވަސް ހަޤުކޮށެވެ.

މީގެއިތުރުން ރޭގެ މޮޅާއެކު ރެއަލްމެޑްރިޑަށް މިސީޒަންގެ ލަލީގާގެ ތާވަލްއިން ބާސެލޯނާގެ މައްޗަށް ކުރި ހޯދުމުގެ އިތުރުން މިދެޓީމު ބައްދަލުކުރާ އެލްކްލެސިކޯ މެޗުތަކުންވެސް ބާސެލޯނާއަށްވުރެ އިތުރަށް ރެއަލްމެޑްރިޑްވަނީ މޮޅުވެފައެވެ. ބާސެލޯނާއި 72 އެލްކްލެސިކޯއިން މޮޅުވެފައިވާއިރު، ރޭގެ މޮޅަކީ ރެއަލްމެޑްރިޑްގެ 73 ވަނަ އެލްކްލެސިކޯ މޮޅެވެ. މިދެޓީމު ބައްދަލުކުރި 35 އެލްކްލެސިކޯއެއް ދެޓީމު އެއްވަރުވެގެން ނިމިފައި ވެއެވެ.

މީގެއިތުރުން ރޭ ރެއަލްމެޑްރިޑުން ކާމިޔާބުކުރި ދެލަނޑާއެކު ލަލީގާގެ ތާރީޚްގައި އެންމެ ގިނަ ލަނޑުޖެހި ޓީމަކަށްވެސް ރެއަލްމެޑްރިޑްވަނީ ވެގެން ގޮސްފައެވެ. 6152 ލަނޑާއެކު ރެއަލްމެޑްރިޑް މިތާވަލްގެ އެއްވަނައަށް އެރިއިރު، ވާދަވެރި ބާސެލޯނާ ދެވަނާގައި އުޅެނީ 6151 ލަނޑާއެކުގައެވެ.

ރޭގެ މޮޅާއެކު ރެއަލްމެޑްރިޑަށް ލަލީގާ މިސީޒަންގެ ތާވަލްއިން އެއްވަނަ ލިބެނީ ވާދަވެރި ބާސެލޯނާއަށްވުރެ 1 ޕޮއިންޓް އިތުރަށް ލިބިގެންނެވެ. ރެއަލްމެޑްރިޑަށް 26 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާއަށް ލިބިފައިވަނީ 55 ޕޮއިންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ