ސެމްސަންގ ގެލެކްސީ ފޯލްޑް

ޑިސްޕްލޭ މައްސަލަ ބޮޑުވެ، ސެމްސަންގުގެ ފަަށްޖެހޭ ފޯނު ނެރުން ފަސްކޮށްފި

ސްމާޓް ފޯނުގެ ބާޒާރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ގިނަ ބަޔަކު ދެކޭ ސެމްސަންގުގެ ފަށްޖެހޭ ފޯނު އާއްމުކޮށް ބާޒާރަށް ނެރުން ފަހުވަގުތު ފަސްކޮށްފިއެވެ.

ސެމްސަންގް ކުންފުނިން މި އަހަރު ނެރެން ހަމަޖައްސާފައިވާ "ގެލެކްސީ ފޯލްޑް" ނުވަތަ ފަތްޖެހި ފޯނު ރަސްމީކޮށް ބާޒާރަށް ނެރުން ކުރިން ނިންމާފައި އޮތީ މިމަހުގެ 26 ވާ ހުކުރު ދުވަހުއެވެ. ނަމަވެސް ކުއްލި ގޮތަކަށް މި ފޯނު ބާޒާރަށް ނެރުން ފަސްކޮށްފައިވަނީ، މި ފޯނުތަކުގެ ސްކްރީން ތަޅައިގެންދާ މައްސަލަތައް ދިމާވެ ޓެސްޓް ބުރުގައި ފޯނުތައް ގަތް މީހުންގެ ޝަކުވާތައް ބޮޑުވުމާ ގުޅިގެންނެވެ.

ސެމްސަންގުން ފަތްޖެހޭ ފޯނެއް ނެރެންތައްޔާރު ވަމުން ދިޔަ އިރު ގިނަ ބަޔަކު މުޅި މި އަހަަރުވެސް އެކަމަށް އިންތިޒާރު ކުރި އެވެ. ނަމަވެސް، ރަސްމީކޮށް ބާޒާރަށް ނެރުމުގެ ކުރިން ވިއްކި ފޯނުތަކުގައި މައްސަލަ ދިމާވެ މުޅި މި ހަފުތާ ފެށިގެން އައީ ގެލެކްސީ ފަތްޖެހި ފޯނުގެ ޝަކުވާތަކާ އެކު އެވެ.

ފޯނު ޓެސްޓް ކުރި ބައެއް މީހުން ވަނީ ފޯނު ބޭނުން ކުރަން ފެށިތާ އެންމެ ދުވަހެއްގެ ތެރޭގައި ފޯނު ޑިސްޕްލޭ ހަލާކުވާ މައްސަލައާ ކުރިމަތިވެފައެވެ. ސޯޝަލް މީޑިއާ އާއި އެކި ވެބްސައިޓުތަކުގައި ފޮޓޯ އާއި ވީޑިއޯ ވެސް ހިއްސާ ކުރި އެވެ.

މިކަމާ ގުޅިގެން ސެމްސަންގުން ބުނީ ގެލެކްސީ ފޯލްޑް ނެރޭނީ ދިމާވި ކަމަށް ޢާއްމުން ބުނާ ހުރިހާ މައްސަލަތަކެއް ބަލައި، އެެހެން މީހުންގެ ފީޑްބެކް އަޑު އަހައި އިތުރު ޓެސްޓުތަކާއެކު ޔަގީން ކުރުމަށްފަހު ކަމަށެވެ.

މިކަމާ ގުޅިގެން "ސެމްސަންގް ފޯލްޑް" އަށް ޕްރީއޯޑާ ކުރި ފަރާތްތަކަށް ސެމްސަންގް ކުންފުނިން ވަނީ އީމެއިލްކޮށް އިތުރު ދެހަފްތާ ދިނުމަށް އެދިފައެވެ. އަދި ފޯނަށް ދިމާވި މައްސަލަތަކުގެ ވާހަކައާއެކު ފޯނު ރިލީޒް ކުރުމަށް ހޮންގްކޮންގާއި ޝަންހާއީގައި ރޭވި އިވެންޓްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.

ގެލެކްސީ ފޯލްޑްގެ އަގުތައް އުޅޭނީ 2،000 ޑޮލަރަށް ވުރެ މަތީގައި ކަމަށް ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ