މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް އޮތް އޮލިމްޕިކްސް މުބާރާތް ކަނޑައެޅިފައިވާ ތާރީހުގައި ކުރިއަށް ނުގޮސްދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް އެ މުބާރާތް ކުރިއަށްދާނެ ކަމަށް މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވެއްޖެއެވެ.
އަބޭ ވިދާޅުވީ، ޖަޕާނުގައި މިއަހަރުގެ ޖުލައިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކަނޑައެޅިފައިވާ ތާރީހުގައި އެގައުމުގައި ކުރިއަށްދާނެ ކަމަށެވެ.
"ކޮވިޑް-19 ފެތުރުން ކޮންޓުރޯލްކޮށް ކަނޑައެޅިފައިވާ ތާރީހުގައި އެއްވެސް މައްސަލައެއް ދިމާނުވެ އޮލިމްޕިކްސް މުބާރާތް ބޭއްވޭނެ" އަބޭ ވިދާޅުވިއެވެ. ނަމަވެސް މިކަމާއިގުޅޭ ގޮތުން އެންމެ ފަހުބަސް ބުނާނެ ފަރާތަކީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) ކަމަށްވެސް އަބޭ ވިދާޅުވިއެވެ.
ޖަޕާނުން މިހާތަނަށް 1،400 މީހުންވަނީ ކޮވިޑް-19 އަށް ޕޮސިޓިވް ވެފައެވެ. އަދި މިބަލީގައި 28 މީހަކުވަނީ މަރުވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ އަދަދެއްގެ ކުޅިވަރު މުބާރާތްތައް މިހާރު އަންނަނީ ފަސްކުރަމުންނެވެ. އަދި އޮލިމްޕިކްސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ ގައުމުތަކަކުން ކުރަމުން އައި ފަރިތަކުރުންތައްވެސްވަނީ މަޑުޖައްސާލައިފައެވެ.




