މަޖިލީހުގެ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރާނީ ގޭގައި ތިބެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ ހާއްސަ ހާލަތެއްގައި ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް މެދުކަނޑާލައިފިކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށް ފަހު، ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ސަރުކާރު ބަންދުކުރަން ނިންމާފައިވީ ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށާއި މަޖިލީހުގެ ޒިންމާ މަޖިލީހުން ފުރިހަމަަ އަށް އަދާކުރަމުން ގެންދާނެ ކަމަށެވެ. އަދި ކޮވިޑް-19 ފެތުރޭ މިފަދަ ހައްސާސް ދަނޑިވަޅެއްގައި މަޖިލިސް ބަންދެއް ނުކުރެވޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ މާދަމާއިން ފެށިގެން މަޖިލީހުގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ކަމަށެވެ. ގޭގަތި ތިއްބަވާ ތިއްބެވުމަކީ ޗުއްޓީއެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން ކުރަން ބޭނުންވާ ކަމަަކަށް ގާނޫނީ ޖާގަ ދޭން ޖެހިއްޖެ ހާލަތެއްގައި މަޖިލީހުން އެ މަސައްކަތް ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
" މަޖިލީހަށް ކޮންމެ ގަޑިއެއްގައި ވެސް ދަންނަވަން ޖެހިދާނެ. މަޖިލިސް އަށް ތިބޭފުޅުންނަށް ދެންނެވީމާ އެ ދަންނަވާ ދުވަހެއްގައި އެ ދަންނަވާ ގަޑިއެއްގައި މަޖިލީހަށް އެއްވެވޭ ގޮތަކަށް ތިއްބެވުމަކީ ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުންވަނީ މާދަމާއިން ފެށިގެން މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރަން ނިންމަވާފައެވެ.




