އައިސޮލޭޝަންގައި ހުރި ގޮންޒާލޯ ހިގުއައިން އޭނާގެ ބަލިވެފައިވާ މަންމައާއި ބައްދަލުކުރަން އިޓަލީ ދޫކޮށް އާޖެންޓީނާއަށް ހިނގައްޖެއެވެ.
ހިގުއައިންގެ ޓެސްޓްގެ ނަތީޖާ އައިސްފައިވަނީ ނެގެޓިވްކޮށެވެ. ނަޕޯލީއަށް ކުރިންކުޅުނު ހިގުއައިން އާޖެންޓީނާއަށް ގޮސްފައިވަނީ ފްރާންސާއި ސްޕެއިން މަގުންލާފައެވެ. ރިޕޯރޓްތައް ބުނާ ގޮތުން އޭނާ ޓިއުރިންއިން އެއަރޕޯޓުން ފުރާފައިވަނީ ޕްރިވެޓް ޖެޓެއްގައެވެ.
ޔޫރަޕުގައި އެންމެ ހަލުވިކޮށް ކޮވިޑް- 19 (ކޮރޯނާ ވައިރަސް) ފެތުރެމުންދާ ގައުމަށް އިޓަލީ ވެފައިވާއިރު، އެ ގައުމުގެ އުތުރު ސަރަހައްދު އެއްކޮށްވަނީ ކަރަންޓީނުކޮށްފައެވެ. 35000 އަށްވުރެ ގިނަ މީހުން މިވައިރަހަށް ޕްޒިޓިވްވެ، 3000 ގާތްކުރާ އަދަދަކަށް މީހުން މަރުވުމާއެކު އިޓަލީ ވަނީ ލޮކްޑައުން ކޮށްފައެވެ.
ހިގުއައިން ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސްގެ ޑެނިއަލީ ރުގާނީ އާއި މަޓުއުޑީވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ޔުވެންޓަސްގެ އިތުރުން ފިއޮރެންޓީނާއާއި ސަމްރޯޑިއާގެ ބައެއް ކުޅުންތެރިންވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
އިޓާލިއަން ސީރީއާ އަންނަ އޭޕްރީލް މަހުގެ 3 އާއި ހަމައަށް މެދުކަނޑާލާފައިވާއިރު، އިޓަލީގެ ފިހާރަތަކާއި، ފާމަސީތައްވެސްވަނީ ބަންދުކޮށްފައެވެ.
މިވައިރަހުގެ އަސަރު ދުނިޔޭގެ ފުޓްބޯޅައަށްވެސް ކުރަމުންދާއިރު، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ވެސްވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންނަމަވެސް ޔޫރަޕިއަން މުބާރާތްތައް މިހޫނު މޫސުމަށް ނިންމާ ލެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.




