މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދޫކޮށްފައިވާ ޙާއްސަ ހުއްދަނެތި ރާއްޖެ އަންނަ ފަރާތްތަކުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފުރުވާލެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ވިދާޅުވީ، ރިޒޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި، ވައިގެމަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން އަލަށް ރާއްޖޭގައި ވަޒީފާއަދާކުރަން އަންނަ ފަރާތްތަކާއި، ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަން އެދޭ ފަރާތްތައް، 21 މާރިޗު 2020، 123:59 އިން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެ އެތެރެކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ދޫކޮށްފައިވާ ޙާއްސަ ހުއްދަ މި މުވައްސަސާއަށް ލިބިފައިވާ ފަރާތްތައް އެކަނި ކަމަށެވެ.
އަދި މިިގޮތަށް ހުއްދަ ނުލިބި އަންނަ ފަރާތްތައް ރާއްޖެ އެތެރެ ނުކޮށް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފުރުވާލެވޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާއިރު، އެކަމާއި ގުޅިގެން ސަރުކާރުން ދަނީ މިވައިރަހުން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްޤީޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ.



