ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް މީޑިއާ ކައުންސިލުން ޝުކުރުއަދާކޮށްފިއެވެ.
އެކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) ގެ މި ނާޒުކު ދަނޑިވަޅުގައި، ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ރާއްޖޭގެ ނޫސްވެރިންގެ އާއިލާއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެންމެހާ ނޫސްވެރިންނަށް އެކައުންސިލުން ޝުކުރުއަދާކުރާކަމަށެވެ.
އަދި މިފަދަ ނާޒުކު ހާލަތެއްގައި ނޫސްވެރިން ރެޔާއިދުވާލު ވަރުބަލިކަމެއްނެތި މަސައްކަތްކުރަމުންދާއިރު،
ނޫސްވެރިންގެ އަމިއްލަ ރައްކާތެރިކަމަށްވެސް އިސްކަންދީގެން މަސައްކަތްކުރުމަށް ބާރުއަޅާކަމަށްވެސް އެކައުންސިލުގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން މި ވައިރަހާ ގުޅޭގޮތުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި އޭގެ ސައްޙަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި، ސިއްހީ މައުލޫމާތު ޙަވާލާދޭ މަސްދަރުތަކަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިޢުކޮށްފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަންވެސް ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ހަނދާންކޮށްދޭކަމަށްވެސް އެކައުންސިލްގެ މިބަޔާނުގައިވެއެވެ.



