ކޮވިޑް-19: ޑިބާލާ އަންނަނީ ރަނގަޅު ވަމުން

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ޝިކާރައަކަށްވި ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕައުލޯ ޑިބާލާ ރަނގަޅުވަމުން އަންނަކަން ހާމަކޮށްފިއެވެ.

ޔުވެންޓަސްއިން ޙިއްސާކޮށްފައިވާ ވީޑިއޯ ކޯލެއްގައި ވާހަކަ ދައްކަމުން ޑިބާލާ ބުނީ، މިދިޔަ ދުވަސްތަކުގައި ބަލީގެ ގިނަ އަލާމާތްތަކެއް ފެނިފައިވާކަމަށާއި، އެގޮތުން ބައެއް ފަހަރު ނޭވާލާންވެސް އުނދަގޫވާކަމަށެވެ. އަދި ވަރަށް އަވަހަށް ވަރުބަލިކަންވެސް އިޙްސާސް ކުރެވޭކަމަށެވެ. އެހެންނަމަވެސް އެހުރިހާ އަލާމާތްތަކެއް ފިލައި މިހާރު އޭނާއާއި އޭނާގެ ލޯބިވެރިޔާ ވަރަށް ބޮޑަށް ރަނގަޅުކަމަށްވެސް އޭނާ ބުންޏެވެ.

ޑިބާލާއާއި އޭނާ ރައްޓެހިވެގެން އުޅޭ އޮރިއާނާ ސަބާޓިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ޑިބާލާއަކީ ޔުވެންޓަސްއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 ވަނަ ކުޅުންތެރިޔާއެވެ. މިމަހުގެ ކުރީކޮޅު ޔުވެންޓަސްއަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު ރުގާނީ މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ މަޓުއިޑީ ޕްޒިޓިވްވެފައިވަނީ މިމަހުގެ 17 ގައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު އިޓަލީގައި ފެތުރެމުންދާއިރު، އެޤައުމުން މިވައިރަހަށް މިހާރު 86000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ހަހާހެއްހާ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ