އިޓަލީ ފަތުރުވެރިޔާ ބެލި ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ އަމުރުގައި ބުނެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ހުރި ތުރުކީ ޑޮކްޓަރުގެ ޕާސްޕޯޓު ހިފެހެއްޓުމަށެވެ. ފުލުހުން އެދިގެން ނެރެފައިވާ އެ ކޯޓު އަމުރު ރައްދުވަނީ އިމިގްރޭޝަނަށެވެ.
ކޮރޯނާވައިރަހުގެ އަލާމާތްތަކެއް ފެނި އަދި އަނބުރައިގަނެގެން ވެއްޓިގެން ވެސް ފަރުވާދޭން ޖެހުނު ޓޫރިސްޓު ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ރާއްޖެ އިން ފުރައިގެން ދިޔަ ފަހުންނެވެ. މިއީ، ރާއްޖެ އިން ފެނުނު މި ވައިރަހުގެ ފުރަތަމަ ކޭހެވެ.
ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ އިޓަލީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އޭނާ ވަނީ އެކަން ރާއްޖެއަށް އަންގާފައެވެ. ރިސޯޓުގައި ހުރި އިރުވެސް އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނުނެވެ.
ޓޫރިސްޓު ފުރި ފަހުން މި ޑޮކްޓަރާއި އިތުރު ބަޔަކު ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ހޯމަދުވަހު ނެރުނު އަމުރުގައި، އިތުރަށް ބުނެފައި ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކުރެއްދޫގެ ޑޮކްޓަރު ރާއްޖެއިން ފުރައިގެން ހިނގައިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފުލުހުންގެ އެދުމަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މާޗް 23 އިން އޭޕްރިލް 22 ގެ ނިޔަލަށެވެ.
އިޓަލީ ޓޫރިސްޓްގެ ކިބައިން ފެންނަން ހުރި އަލާމާތްތަކާ ގުޅިގެން އިތުރު ޓެސްޓްތަކެއް ހަދަން ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރު ލަފާ ދިނުމުން އޭނާ އެކަމަށް އިންކާރުކުރިއިރު، އެއަލާމާތްތަކާ ގުޅިގެން ޑޮކްޓަރު އެޗްޕީއޭ އަށް ގުޅި ނަމަވެސް ކޮރޯނާވައިރަހާ ގުޅޭ އެއްވެސް ކަމެއްގައި ޝައްކެއް ވެގެން އުޅޭ ކަން އަންގާފައި ނުވާ ކަމަށް ފުލުހުން މިމައްސަލާގައި ވިދާޅުވެފައިވެއެވެ. އަދި އެމައްސަލައިގެ ޖިނާއީ ތަޙުޤީޤެއްފަށާއިވާއިރު، ރިސޯޓް މެނޭޖްމަންޓަށް އެކަން އެނގި ސިއްރުކުރީތޯ ވެސް ތަޙުޤީޤުގައި ބަލާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.




