ރައީސް މަޢުމޫންގެ ކެންޑިޑޭޓުން - ފޮޓޯ: ވަގުތު

މާލީ ބަޔާން ހުށަނާޅާ ގިނައީ އަމިއްލަ ކެންޑިޑޭޓުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި ގިނައީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓުންކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ރޭ ފަތިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވިއިރު، މާލީ ބަޔާން ހުށަހަޅާފައި ނުވަނީ 39 ފަރާތަކުން ކަމަށެވެ.

މި އިންތިޚާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވަނީ، އަމިއްލަގޮތުން ވާދަކުރި 31 ކެންޑިޑޭޓަކުންގެ އިތުރުން ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި، އެމްޓީޑީގެ 2 ކެންޑީޑޭޓުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ 2 ކެންޑިޑޭޓުންނާއި، ޕީއެންސީގެ ކެންޑިޑޭޓެއް އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓެކެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ ރޭ މެންދަމު 12:00 އަށެވެ. ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައިވަނީ ޖުމްލަ 347 ކެންޑިޑޭޓުންނެވެ.

އިންތިޚާބާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ): ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 21 (ޢެކާވީސް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައި، ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައި ވަނިކޮށް އެކަމެއް ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އެފަދަ ކުށްތަކުގެ އަދަބަކީ 6 މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6000ރ އާއި 24000ރ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ