ޙައްޖުގެ ކަންކަން ނުނިންމައި މަޑުޖައްސާލުމަށް ސަޢުދީން އަންގައިފި

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މިއަހަރުގެ ޙައްޖުގެ އަޅުކަންތައް އަދާކުރުމަށް ސަޢުދީ އަރަބިއްޔާއަށް ދަތުރުކުރުމަށް ރާވަމުން އަންނަ ފަރާތްތަކުން ބުކިންތައް ނުހަދައި މަޑުޖައްސާލުމަށް ސަޢުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިފިއެވެ.

ޙައްޖުގެ އެންމެހާ ކަންކަމާ އެންމެ އިސްކޮށް އުޅުއްވާ ޙައްޖާއި ޢުމްރާއާއި ބެހޭ މިނިސްޓަރ ޑރ.މުޙައްމަދު ޞާލިޙް ބެންތެން ވިދާޅުވީ، ސައުދީ ސަރުކާރުން އެންމެ ބޮޑަށް ކަނބޮޑުވަނީ ޙައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކިހިސާބުތަކުން އަންނަ ފަރާތްތަކުގެ ސަލާމަތްތެރިކަމާއިމެދުގައި ކަމަށާއި މިހެންވެ މިދަނޑިވަޅުގައި އަދި ހައްޖު އައުމުގެ ކަންކަން ނުނިންމައި މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދެމިލިއަނަށްވުރެ ގިނަ މީހުން ސައުދީ އަރަބިއްޔާއަށް އަންނާނެކަމަށް އެގައުމުން އަންދާޒާ ކުރެއެވެ. މިއީ މުސްލިމުންގެ އެއްމެ ބޮޑު އެއްވުމެވެ. އަދި ކެރިކުޅަދާނަވީ ކޮންމެ މީހަކު އުމުރުން އެއްފަހަރު ޙައްޖުގެ އަޅުކަން އަދާކުރުމީ ވާޖިބެކެވެ.

ޙައްޖަ އަންނަން ފަރާތްތަކުން އެގޮތަށް އެކަން އަދި ނުނިންމައި މަޑު ޖައްސާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން އަންގައިފައި މިވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އުމުރާގެ އަޅުކަންވެސް އަދާކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސައުދީ އަރަބިއްޔާގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ޢަދަދު ވަނީ 1,563އަށް އަރާފައެވެ. އަދި ފާއިތުވި 24 ގަޑިއިރުވެސް އެގައުމުން ވަނީ އަލަށް 110 މީހަކު މި ބައްޔަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި މިހާތަނަށް ދެ މީހުން އެޤައުމުން ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ