މިނިސްޓަރ ޢަލީ ވަހީދު - ފޮޓޯ: ޕީއެސްއެމް

އެންގުމާއި ޚިލާފުވާ ރިސޯޓުތަކަށް ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުނެފި

އެންގުމާއި ޚިލާފުވާ ރިސޯޓުތަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކޮވިޑް-19 އާގުޅިގެން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙުތިރާމުކުރުމަށް އިލްތިމާސްކުރުން މިހާރު ދުނިޔޭއާއި ރާއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާގުޅިގެން ގިނަ ރިޒޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމުމުން، ޤާނޫނާއި ޚިލާފަށް ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނެގުމަށް މަޖުބޫރުކުރަމުންދާކަމުގެ ޝަކުވާތައް އެމިނިސްޓްރީއަށް ލިބެމުންދާކަމަށާއި، ރިޒޯޓުތަކުގައި ވަޒީފާއަދާކުރާ ރާއްޖެއިން ބޭރުގެ މުވައްޒަފުން، އެމީހުންގެ ފްލައިޓް ކޮންފަރމްނުވަނީސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންދާކަމުގެ ޝަކުވާވެސް ލިބެމުންދާކަން ފާހަގަކުރެވޭކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ކާރިސާއެއް ތަޖުރިބާކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި، ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަކުން ވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޙުތިރާމުކުރުމަށް އަންގާކަމަށާއި، ކޮންފަރމް ފްލައިޓެއް ނެތި އެއްވެސް ބޭރު މުވައްޒަފަކު ނުވަތަ ފަތުރުވެރިއަކުވިޔަސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުފޮނުއްވުމަށްވެސް މިނިސްޓްރީގެ މިބަޔާނުގައި ވިދާޅުވެފައިވެއެވެ.

"އަދި މިދެންނެވުމާ ޚިލާފަށް އަމަލުކުރައްވާ ފަރާތްތަކަށް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށް ވެސް ދެންނެވިން." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ޤާނޫނާއި ޤަވާޢިދުތަކުގެ މަތީގައި ދެމިތިބެ ނަމޫނާ ދައްކަވަމުންގެންދަވާ އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވާކަމަށާއި، މިހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި އިންޑަސްޓްރީ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރަމުންގެންދާނެކަމަށްވެސް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ