ރިސޯޓެއްގެ މުވައްޒަފެއްގެ ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ ޖޭޑަބްލިޔު މެރިޔޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށެވެ.
މި މުވައްޒަފުގެ ޚަބަރެއް ނުވެގެން ރިޕޯޓް ކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާއިން ފަށާފައިވާ ކަމަށާއި، އޭނާ ގެއްލުނު ހާދިސާ ތަހްޤީޤު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
"މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދާން އޭރިއާއަށް ލިބިފައިވަނީ މިރޭ 22:13 ހާއިރު. ރިސޯޓްގެ ސީސީޓީވީ އިން ފެންނަ ގޮތުގައި އެމީހާ ފޯން ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީއިން މޫދަށް ފުންމާލިތަން ވަނީ ފެނިފައި." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެެފް އިން ވިދާޅުވީ، އެމީހާ ހޯދުމަށް އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށެވެ.
"ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއް. އެއީ އެ ރިސޯޓްގެ އިމާމު." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި މުވައްޒަފު މޫދަށް ފުންމާލި ފަހުން ނުފެނުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މަޢުލޫމާތު ލިބުމާއެކު ފުލުހުން އެސަރަހައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރިސޯޓްގެ ޑައިވަރުންގެ ޓީމެއްވެސް ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާތަނަށް ގެއްލުނު މުވައްޒަފުގެ އެއްވެސް ޚަބަރެއް ވެފައި ނުވާއިރު، އެމީހާއާއި ގުޅުންހުރި އެއްވެސް އެއްޗެއް ފެނިފައިވާކަމަށްވެސް އެއްވެސް އިދާރާއަކުން ވިދާޅުވެފައެއް ނުވެއެވެ.




