އިންތިޚާބެއްގައި ވޯޓު ގުނުމުގެ ތެރެއިން - ފޮޓޯ: ފެށުން

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދައުވާ ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ޤާނޫނުގައި ކަނޑައަޅާފައިވާ ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައި ނުވާ 39 ކެންޑިޑޭޓުންގެ މައްޗަށް، މި ހަފްތާ ތެރޭގައި ދައުވާ ކޮއްދިނުމަށް އެދި ފޮނުވާނެ ކަމަށް އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރިއެވެ. އެ މީހުންގެ މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް ހަމަވިއިރު ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުންނެވެ. އެއީ މުޅިން ވެސް އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓުންނެވެ.

"ވީހާ ވެސް އަވަހަކަށް [ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް] ފޮނުވޭތޯ މި ބަލަނީ. ކުރާނެ ދައުވާއެއް ނުވަތަ އަޅާނެ ފިޔަވަޅެއް ނިންމާނީ ޕްރޮސެކިއުޓާ ޖެނެރަލް،" އަކްރަމް ވިދާޅުވި އެވެ.

މި އިންތިޚާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައި ނުވަނީ، އަމިއްލަގޮތުން ވާދަކުރި 31 ކެންޑިޑޭޓަކުންގެ އިތުރުން ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި، އެމްޓީޑީގެ 2 ކެންޑީޑޭޓުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ 2 ކެންޑިޑޭޓުންނާއި، ޕީއެންސީގެ ކެންޑިޑޭޓެއް އަދި އަދާލަތު ޕާޓީގެ ކެންޑިޑޭޓެކެވެ.

ހުރިހާ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީއެވެ. އެމްޑީޕީން ވާދަކުރި 85 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން ވާދަކުރި 41 ކެންޑިޑޭޓުންނާއި، އެމްޑީއޭ އިން ވާދަކުރި 8 ކެންޑިޑޭޓުން އަދި ޑީއާރުޕީއިން ވާދަކުރި 5 ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅާފައިވެއެވެ.

އިންތިޚާބާބެހޭ ޤާނޫނުގެ 73 ވަނަ މާއްދާގެ (ހ): ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިޚާބެއް ބާއްވާ ތާރީޚުން ފެށިގެން 21 (ޢެކާވީސް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށް ވާންވާނެއެވެ.

އިންތިޚާބުތަކާބެހޭ ޤާނޫނުގައި، ވަކިކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ކަނޑައަޅާފައި ވަނިކޮށް އެކަމެއް ނުކުރުމަކީ އިންތިޚާބީ ކުށެކެވެ. އެފަދަ ކުށްތަކުގެ އަދަބަކީ 6 މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6000ރ އާއި 24000ރ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ