ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައި އޮތް ފަރިތަކުރުންތައް އަލުން ފެށުމަށް ރެއަލްމެޑްރިޑުން ތައްޔާރުވަމުން އަންނަކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
ރެއަލްމެޑްރިޑުން ކްލަބުގެ ފަރިތަކުރުންތަށް ފަށަން އުޅޭ ވާހަކަތަކުގެ އަޑު ފެތުރިފައިމިވަނީ، ސްޕެއިންގެ ރެއަލް ސޮސިޑޭޑްއިން އަންނަ އަންގާރަ ދުވަހުން ފެށިގެން ފަރިތަކުރުންތައް ފަށާނެކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގެ ކްލަބުތަކުގެ ފަރިތަކުރުންތައް ހުއްޓާލުމަށް އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިދިޔަމަހު ގޮވާލިފަހުން އަލުން ފަރިތަކުރުންތައް ފައްޓާނެކަން އިޢުލާންކޮށްފައިވާ ރެއަލް ސޮސިޑޭޑްއިން އެކަންޏެވެ. ރެއަލްމެޑްރިޑުން އެކަހަލ ވިސްނުމެއް ގެންގުޅެމުން އަންނަ ނަމަވެސް އެކްލަބުން ފަރިތަކުރުންތަކަށް ނުކުންނާނެ ވަކި ތާރިޚެއް އަދި ނޭނގެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެންމެ ފުރަތަމަ ކަރަންޓީނަށް ދިޔަ ކްލަބަކީ ރެއަލްމެޑްރިޑެވެ. މާރޗް 12 ގައި ރެއަލްމެޑްރިޑް ކަރަންޓީނަށް ދިޔައީ އެކްލަބުގެ ބާސްކެޓް ޓީމުގެ ކުޅުންތެރިއެއްކަމަށްވާ ޓްރޭ ތޮމްކިންސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.
ރެއަލްމެޑްރިޑްގެ ކުޅުންތިޔަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވިނަމަވެސް އެކްލަބުގެ ކުރޭގެ ދެރައީސަކުވަނީ މިވައިރަހަށް ޕޮޒިޓްިވިވެފައެވެ. އަދި އޭގެ ތެރެއިން އުމުރުން 76 އަހަރުގެ ލޮރެންޒޯ ސޭންޒްވަނީ މިވައިރަހުގެ މަރުވެފައެވެ. މިވައިރަހަށް ޕޮޒިޓިވްވި އެކްލަބުގެ އަނެއް ރައީސަކީ އުމުރުން 72 އަހަރުގެ ފާނަންޑޯ މާޓިންއެވެ.
އަނެއްކޮޅުން ކޮވިޑް-19 އާއި ދެކޮޅަށް ސްޕެއިނުންކުރާ ހަނގުރާމާގައި ސިއްޙީ ސަޕްލައި ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ރެއަލްމެޑްރިޑްގެ ސްޓޭޑިއަމް ސަންޓިއާގޯ ބާނަބޯ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
މިހާތަނަށް ސްޕެއިނުން ކޮވިޑް-19 އަށް 163000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މިވައިރަހުގައި 16500 އަށްވުރެ ގިނަ މީހުންވަނީ އެޤައުމުން މަރުވެފައެވެ.



